Advertisement

ޓޯނީ އާއި ގޯމޭޒް އިންގްލެންޑް ސްކޮޑަށް

15 މާރިޗު 2024 - 10:47 0


ޓޯނީ އާއި ގޯމޭޒް އިންގްލެންޑް ސްކޮޑަށް

15 މާރިޗު 2024 - 10:47 0

ލަންޑަން (މާޗު 15) - ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން މި މަހު އިންގްލެންޑް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ނެގި ސްކޮޑުގައި ބްރެންޓްފޯޑްގެ ފޯވަޑް އައިވަން ޓޯނީ އާއި ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒަށް ފުރުސަތު ދީފި އެވެ.

މި މަހު ބްރެޒިލް އާއި ބެލްޖިއަމްއާ ދެކޮޅަށް އިންގްލެންޑް ކުޅޭ ދެ މެޗަށް ސައުތުގޭޓް ނެގި 25 ކުޅުންތެރިން ސްކޮޑް ވަނީ ރޭ އިއުލާންކޮށްފަ އެވެ.

ބްރެންޓްފޯޑަށް ކުޅެމުންދާ ފޯވަޑް ޓޯނީ ،27، މި އަހަރު ޖެނުއަރީ މަހު އެނބުރި ދަނޑަށް ނުކުތީ ބެޓިން މައްސަލައަކާ ގުޅިގެން ދިން އަށް މަސް ދުވަހު ސަސްޕެންޝަން ފުރިހަމަކުރުމަށްފަހު އެވެ. އޭގެ ފަހުން، ބްރެންޓްފޯޑަށް ކުޅުނު ނުވަ މެޗުގައި އޭނާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.

މިއީ ސަސްޕެންޝަނަށް ފަހު އިންގްލެންޑް ސްކޮޑުން ޓޯނީ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ލިވަޕޫލްގެ މެޗެއްގެ ތެރެއިން ގޯމޭޒް.


ލިވަޕޫލަށް ކުޅެމުންދާ ގޯމޭޒް ،26، އެންމެ ފަހުން އިންގްލެންޑް ސްކޮޑުން ޖާގަ ހޯދީ 2020 ވަނަ އަހަރު ނޮވެމްބަރު މަހު ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗަށެވެ. މި ފަހަރު ސްކޮޑުން އޭނާ އަށް ސައުތުގޭޓް ޖާގަ ދިނީ ލިވަޕޫލަށް މި ސީޒަންގައި އޭނާ ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުންނެވެ.

މި ފަހަރުގެ ސްކޮޑުން އެވަޓަންގެ ޑިފެންޑަރު ޖަރާޑް ބްރާންތުވެއިޓް އާއި ނިއުކާސަލް ޔުނައިޓެޑްގެ ފޯވަޑް އެންތަނީ ގޯޑަން އަށް ވަނީ ޖާގަ ލިބިފައެވެ. މިއީ މި ދެ ކުޅުންތެރިންވެސް އިންގްލެންޑްގެ ސީނިއާ ޓީމުގެ ސްކޮޑުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

އިންޖަރީގެ މައްސަލަތަކެއް ދިމާވި ނަމަވެސް، މެންޗެސްޓާ ޔުނައިޓަޑްގެ ޑިފެންޑަރު ހެރީ މެގުއާ އާއި ޗެލްސީގެ ބެން ޗިލްވެލް ވަނީ ސްކޮޑަށް ނަގައިފަ އެވެ.

އާސެނަލްގެ ޑިފެންޑަރު، ބެން ވައިޓް، ޓީމަށް ނަގަން، ކޯޗު ސައުތުގޭޓް ބޭނުންވި އެވެ. އެކަމަކު، ޓީމުގައި ހިމެނެން މި ވަގުތު ބޭނުންނުވާ ކަމަށް ވައިޓް ވަނީ ޓީމަށް އަންގައިފަ އެވެ.