Advertisement

ކުކުޅު ބިސް ގަތުމުގައި ސަމާލުވާން އެމްއެފްޑީއޭގެ އިލްތިމާސް

14 މާރިޗު 2024 - 13:48 1

ނިމާ ހަސަން

ނިމާ ހަސަން

ކުކުޅު ބިސް ޓްރޭތަކެއް; ބާޒާރުގައި ވިއްކާ ބިސްގަތުމުގައި ސަމާލުވާން އެމްއެފްޑީއޭއިން އަންގައިފި


ކުކުޅު ބިސް ގަތުމުގައި ސަމާލުވާން އެމްއެފްޑީއޭގެ އިލްތިމާސް

14 މާރިޗު 2024 - 13:48 1

ބާޒާރުގައި ވިއްކާ ކުކުޅު ބިހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބިސް ގަންނަ ފަރާތްތަކުން ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭއިން ބުނީ ކުކުޅު ބިސް ވިއްކުމާއި, ގެންގުޅުމާއި އަދި ރައްކާ ކުރާ ގޮތުން ވެސް ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑުވާ ކަމަށެވެ. އެހެންކަމުން ބިސް ވިއްކުމާއި ގެންގުޅުމުގައި ސަމާލުވާންވީ ކަންތައްތައް އެ އޮތޯރިޓީން ކިޔައިދިނެވެ.

  • ނަޖިސް ހަރުލާފައިވާ ނުވަތަ ބިހުގެ ތޮށި ހަޑިވެފައި ހުންނަ ބިސް ނުގަތުން
  • ފިނިކޮށް ނުވަތަ އައިސް އަލަމާރީގައި ބަހައްޓަފައި ހުންނަ ބިސް ގަތުމަށް އިސްކަން ދިނުން
  • ބިހުގެ މުއްދަތު ހަމަަވާ ތާރީހު ބެލުން އަދި މުއްދަތު ހަމަވެފައި ހުންނަ ބިސް ނުގަތުން
  • ރެނދުލާފައި ހުންނަ ބިސް ނުގަތުން
  • ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބިސް ނުގަތުން
  • ބިސް ދޮވެގެން ބޭނުން ނުކުރުން
  • އެހެން ކާބޯތަކެތި ތަގައްޔަރުނުވާނެހެން އައިސް އަލަމާރީގައި ބިސް ރައްކާ ކުރުން

ބިސް ދޮވެގެން ބޭނުން ނުކުރަން އިލްތިމާސްކުރީ, ބިސް ދޮވުމުގެ ސަބަބުން އޭގެ އެތެރެއަށް ޖަރާސީމާއި ކެމިކަލް ވާސިލުވުމަށް މަގުފަހިވާ ކަމަށް ބުނެ އެވެ.

އޭގެ އިތުރުން އެމްއެފްޑީއޭއިން ވަނީ ރޯނުފިލުވައި ހުންނަ ބިސް ބޭނުންކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުމަށާއި, އެފަދަ ތަކެތި އައިސް އަލަމާރިން ބޭރުގައި ދެ ގަޑިއިރަށްވުރެ ގިނައިރު ނުބަހައްޓަން އެދިފަ އެވެ.

ބިސް ފިނި ނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށެވެ. އަދި ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާ އެކު ބެހެއްޓޭނީ ގިނަވެގެން ތިން މަހުގެ މުއްދަތަކަށެވެ.