Advertisement

ޕެނެޑޯލް ވިއްކުމާއި އެތެރެކުރުން ވަގުތީ ގޮތުން ރާއްޖޭގައި މަނާކޮށްފި

30 ޖަނަވަރީ 2024 - 11:34 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްއެފްޑީއޭއިން މަނާކުރި ޕެނަޑޯލް: މިއީ ރާއްޖޭގައި ވަރަށް އާންމުކޮށް ބޭނުންކުރާ ބޭހެއް -- ގްރެފިކްސް: ރައްޔާން މުހައްމަދު/އަދަދު


ޕެނެޑޯލް ވިއްކުމާއި އެތެރެކުރުން ވަގުތީ ގޮތުން ރާއްޖޭގައި މަނާކޮށްފި

30 ޖަނަވަރީ 2024 - 11:34 0

ލަންކާއިން އެތެރެކުރާ ޕެނަޑޯލް ބޭސް ގުޅަތަކެއް ފުނޑުފުނޑުވެފައި ހުރުމުގެ ސަބަބުން އެ ބޭސް ވިއްކުން ރާއްޖޭގައި ވަގުތީގޮތުން މަނާކޮށްފި އެވެ.

މޯލްދިވްސް ފުޑްސް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ނިންމުން ނިންމާފައި ވަނީ ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށް ހަދާފައިވާ "ޕޯސްޓް މާކެޓް ސާވައިލަންސް ޕްލޭން" ގެ ދަށުން ނެގި ރެންޑަމް ސާމްޕަލްތަކަކުން ދިވެހިން އާންމުކޮށް ބޭނުން ކުރާ ޕެނެޑޯލްގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެޓިފައިވާކަން ފާހަގަވުމުން ކަމަށެވެ.

"މި އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން، ފާމަސީތަކުންނާއި އާންމު ފިހާރަތަކުން މިވަގުތު މި ބޭސް ނުވިއްކެވުމަށް ދަންނަވަމެވެ. އަދި މި އިންވެސްޓިގޭޝަން ނިމެންދެން މި ބޭސް ރާއްޖެ އެތެެރެ ކުރުން "ރެސްޓްރިކްޓު" ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ." އެ އިއުލާނުގައި ބުނެފައިވެ އެވެ.

މި ވަގުތު ރާއްޖެ އެތެެރެކޮށް، ފިހާރަތަކާއި ފާމަސީތަކުގެ އިތުރުން ގުދަންތަކުގައި ހުރި ޕެނެޑޯލްގެ ސްޓޮކް ވަކިކޮށް ބޭސް ރައްކާ ކރުމަށް ކަނޑައަޅާފައިވާ ފިނިހޫނުމިނުގައި ބެހެއްޓުމަށް އެފްޑީއޭއިން ވަނީ އެދިފަ އެވެ.

އާންމުގޮތެއްގައި ބޭސްގުޅައަށް އެހެން ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާ ކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

"މިފަދަ މައްސަލައެއް ދިމާވެފައިވާ ބޭސް ބޭނުން ކުރުމުން ބޭހުން ލިބެންޖެހޭ ފައިދާ ނުވަތަ ބޭހުގެ "އިފެކްޓް" ނުކުރުމުގެ ފުރުސަތު ބޮޑެވެ. މިބޭހުން ފަހަގަވި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު މި އޮތޯރިޓީގެ ފަރާތުން މިދަނީ އިތުރަށް ބަލައި ދިރާސާ ކުރަމުންނެވެ." އެ އިއުލާނުގައި ބުނެފައިވެ އެވެ.

ޕެނެޑޯލް ބޭނުން ކުރުން އެފްޑީއޭއިން މަނާކުރި ނަމަވެސް، ޕެރެސެޓަމޯލް 500 މިލިގްރާމްގެ އިތުރު 11 ބްރޭންޑަކާއި ޕެރެސެޓެމޯލް 650 މިލިގްރާމްގެ ހަތް ބްރޭންޑެއް ބޭނުން ކުރުން ހުއްދަ ކަމަށް އެފްޑީއޭގެ އިއުލާނުގައި ބުނެފައިވެ އެވެ.