Advertisement

ރައީސް ނޫސްވެރިންނާ ބައްދަލުނުކުރާތާ 100 ދުވަސް

14 މާރިޗު 2024 - 15:53 2

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


ރައީސް ނޫސްވެރިންނާ ބައްދަލުނުކުރާތާ 100 ދުވަސް

14 މާރިޗު 2024 - 15:53 2

"ރައްޔިތުންނަށް، ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނަން، ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރަން ވެއްޖެއްޔާ ގައުމަކަށް ހަމަޖެހުމެއް ނާންނާނެ،"

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގެ ތެރެއިން ޑިސެމްބަރު 25، 2023 ގައި ލ. ގަމުގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވި ވާހަކަ އެކެވެ. އެމަނިކުފާނު ކެމްޕޭން ކުރެއްވީ ފާޅުކަން ބޮޑު ސަރުކާރެއް ގާއިމުކުރެއްވުމުގެ ވައުދާއެކު އެވެ. ގިނައިން މީޑިއާތަކާ ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން އޭރުގެ އިދިކޮޅުން ތަކުރާރުކޮށް ދެއްވި އެވެ.

ވެރިކަމުގެ ހުވާ ކުރެއްވި ފަހުން ރައީސް މުއިއްޒު އެންމެ ފުރަތަމަ މީޑިއާތަކާ ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު، 3، 2023 އެވެ. އެމަނިކުފާނު ތުރުކީ އަދި އެކުވެރި އަރަބި އިމާރާތައް ކުރެއްވި ދަތުރަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ މީޑިއާތަކާ ވާހަކަ ދެއްކެވި އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.

ދެން ރައީސް ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިލެއްވީ ޑިސެމްބަރު 5، 2023 ގަ އެވެ. އެ ދުވަހު ބޭއްވި ވަޒީރުންގެ ބައްދަލުވުމަށްފަހު، ބައްދަލުވުމުގެ ނިންމުންތައް ހިއްސާކޮށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވި އެވެ. އެއީ ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވި ފަހު ފަހަރެވެ. އޭގެ ފަހުން މިއަދަށް 100 ދުވަސް ވެއްޖެ އެވެ.

ނަމަވެސް، ފެބްރުއަރީ 5، 2024 ގައި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން މީޑިއާ "ސަރުކާރަށް މިވީ 11 ހަފުތާގެ ތެރޭގައި، 5 ފަހަރަށް އަޅުގަނޑު ނޫސްވެރީންނާ ބައްދަލުކޮށްފިން،" ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް އޭގެ ތެރޭގައި ނޫސްވެރިންގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވީ ކުރިން ބުނެވުނު ދެފަހަރު އެވެ. ދެން އެމަނިކުފާނު ފާހަގަ އެ ކުރެއްވީ ޗައިނާ ދަތުރަށްފަހު ޖެނުއަރީ 13، ގައި ރައީސް ދެއްވި ޕްރެސް ސްޓޭޓްމަންޓާއި، ޖެނުއަރީ 27، ގައި ޕީއެންސީގެ ޕްރައިމަރީއަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް ދެ މިނެޓެއްހާއިރު ދެއްކެވި ވާހަކަ އެވެ. ފަސް ވަނަ ފަހަރަކީ ކޮބައިކަން ސާފެއް ނުވެ އެވެ.

މީގެ އިތުރުން ރައީސް އޮފީހުގައި ތަރުޖަމާނަކު ނެތި މިއަދަށް 73 ދުވަސް ފުރޭނެ އެވެ. އެ އޮފީހުގެ އިސް ތަރުޖަމާނެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝަހީބު އެ މަގާމުން ދުރުކޮށް އޭނާއަށް ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ ދުވަހު އެވެ.

އިސް ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކުރީ މަގާމަށް އައްޔަންކުރިތާ 18 ދުވަސް ފަހުންނެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއްނުވެ އެވެ.

ރައީސް އޮފީހުގައި ތަރުޖަމާނަކު ނެތް މައްސަލާގައި، ފެބްރުއަރީ 20 ގައި "އަދަދު" އާ ވާހަކަ ދައްކަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ތަރުޖަމާނަކު ރައީސް އައްޔަންކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރައްވާނެ ސީދާ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ހާމަކުރަން ބާއްވަމުން ގެންދެވި ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތައް ވެސް މިހާރު ނުބާއްވަ އެވެ.