ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާ ކުރުމުން ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ ތިން މަސް ފަހުން މިއަދު ރައީސް އޮފީހުން ބޭއްވި ބައްދަލުވުމަށް ނޫސްވެރިންގެ ފޯނު ވެއްދުން މަނާ ކަމަށް އެންގި އެވެ. އެކަމަކު ކުރިން އެކަން އެންގިފަ ނުވާތީ ފޯނު ވެއްދުމުގެ ފުރުސަތު މިއަދު ދިނެވެ.
ރައީސް އޮފީހުން ބުނީ މުސްތަގުބަލުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށެވެ.
މި މައްސަަލައިގައި އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފޯނު ވެއްދުން މަނާކުރި މައްސަލާގައި އެ ޖަމިއްޔާއިން ރައީސް އޮފީހުގައި ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި، ފޯނަކީ ނޫސްވެރިންނަށް ޒަރޫރީ އެއްޗެއް ކަމާއި މީގެ ކުރިން ވެސް ރައީސް އޮފީހަށް ފޯނު ވެއްދޭކަން ފާހަގަކޮށްފައިވާނެ ކަމަށް ބުނެފައިވެ އެވެ.
"މި ކަމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތައް ބުރޫއަރާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ" އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޖޭއޭގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އޮފީހުން ދިން ޖަވާބުގައި ބުނީ، އެ ފިޔަވަޅަކީ ސަލާމަތީ ޕްރޮޓޮކޯލްގެ ދަށުން އެޅުނު ފިޔަވަޅެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ވެއްދޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ނޫސްވެރިންގެ ފޯނުތައް ނުވެއްދޭ މައްސަލައިގައި "އަދަދު" އަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ބުނީ ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް ސެކިއުރިޓީ ޕްރޮޓޮކޯލް ބަދަލުކުރީ އެއްވެސް "ތުރެޓް" އެއް ނުވަތަ ނުރައްކަލެއް އޮވެގެން ނޫން ކަމަށެވެ.













