Advertisement

ފީފާގެ މާލީ އެހީތެރިކަން އެފްއޭއެމް އަށް ހުއްޓައެއްނުލާ ކަމަށް ބުނެފި

14 މާރިޗު 2024 - 11:30 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން: އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި އެކްޓިން ޖެނެރަލް ސެކްރެޓަރީ ޖައުޝަން.--- ފޮޓޯ: އަދަދު


ފީފާގެ މާލީ އެހީތެރިކަން އެފްއޭއެމް އަށް ހުއްޓައެއްނުލާ ކަމަށް ބުނެފި

14 މާރިޗު 2024 - 11:30 0

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދެމުން އަންނަ ފިނޭންޝިއަލް ސަޕޯޓް ހުއްޓާލިކަމެއް އެ ފެޑެރޭޝަނުން އަދި އަންގާފައިނުވާ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމާ ގުޅޭ މާލީ ގިނަ މައްސަލަތަކެއް ފެންމަތިވެ، އޭގެ ބައެއް ކަންކަން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ ގޮތުން، ފީފާ އާއި އޭއެފްސީން ރާއްޖޭގެ ފުޓްބޯޅަ އަށް ދޭ ފައިސާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިމެނޭހެން އެފްއޭއެމްގެ ބައެއް ވެރިން އަމިއްލަ މަންފާ އަށް ބޭނުންކުރި މައްސަލަތަކެއް ބަލަމުން އަންނައިރު، އޭގެއިން އެއް މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ނުދީ ހުރުމުން އެ އަދާކުރަން ޝަރުތުކޮށް، ފީފާ އިން ވަނީ އެފްއޭއެމް އަށް ފައިސާ ފޮނުވައިފަ އެވެ. ބަހާލައިގެން މި ފައިސާ އެފްއޭއެމް އަށް ފޮނުވަމުންދާއިރު، އެއް ޕޭމަންޓް ފޮނުވަނީ، ކުރީ ޕޭމަންޓްގެ ލިޔެކިޔުންތައް ބަރާބަރަށް ފޮނުވުމުންނެވެ.

ފާއިތުވި ދުވަސްތަކުގައި، ދެކެވުނު އެއް ވާހަކަ އަކީ ފީފާ އިން އެފްއޭއެމް އަށް ދެމުން އައި މާލީ އެހީތެރިކަން ހުއްޓާލައިފައިވާ ކަމަށެވެ. އެކަމަކު، އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"ފިނޭންޝިއަލް ސަޕޯޓް ފީފާ އިން ހުއްޓާލި ކަމެއް ފީފާ އަކުން އެފްއޭއެމް އަށް ނާންގާ. މި ވަގުތުގެ ހާލަތަށް ބަލާއިރު، ފިނޭންޝިއަލް ވެސް ޓެކްނިކަލް ވެސް އަދި އޮޕަރޭޝަނަލް ސަޕޯޓް ވެސް ހުއްޓައެއްނުލާ،" ޖައުޝަން ވިދާޅުވި އެވެ.

ފީފާ އިން އެފްއޭއެމް އަށް ދިން 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ލޯންގެ ފައިސާ ބޭނުންކުރި ގޮތުގެ ކޮރަޕްޝަންގެ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެފްއޭއެމް އިން ދޭން ޖެހޭ ފައިސާ ނުދީގެން، އެ އެސޯސިއޭޝަނާ ދެކޮޅަށް ގިނަ ކުންފުނިތަކަކުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ކޯޓުން ވަނީ ހުކުމް ވެސް ކޮށްފަ އެވެ.