Advertisement

ޑޯޓްމަންޑާއި އެތުލެޓިކޯ ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް

14 މާރިޗު 2024 - 04:18 0


ޑޯޓްމަންޑާއި އެތުލެޓިކޯ ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް

14 މާރިޗު 2024 - 04:18 0

މެޑްރިޑް (މާޗް 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގެ މެޗުތަކުން މޮޅުވެ، ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި ޕީއެސްވީ އައިދޯވަން ދަނޑުގައި ޑޯޓްމަންޑް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ރޭ އަމިއްލަ ދަނޑުގައި ޑޯޓްމަންޑް ކުޅުނު މެޗުން 2-0 އިން މޮޅުވެ، އެގްރިގޭޓަށް ބަލާއިރު، 3-1 އިން ކުރިހޯދީ އެވެ.

މިދިޔަ އަހަރުގެ ރަނަރަޕް އިންޓަ މިލާނުން ފުރަތަމަ ލެގުގައި 1-0 އިން އެތުލެޓިކޯ ބަލިކުރިއެވެ. އެކަމަކު، ދެ ވަނަ ލެގުގައި އެތުލެޓިކޯ އަތުން ފުރިހަމަ ވަގުތާއި އިތުރު ވަގުުތުގެ ދެ ހާފް ނިމުނުއިރު، 2-1 އިން ބަލިވެ، އެގްރިގޭޓް 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހީ އެވެ. ޕެނަލްޓީގައި އެތުލެޓިކޯ މޮޅުވީ، 3-2 އިންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޑޯޓްމަންޑަށް ލީޑުނަގައިިދިނީ، ތިން ވަނަ މިނިޓްގައި ހޫލިއަން ބްރަންޑްޓް ދިން ބޯޅައަކުން ޖޭޑަން ސަންޗޯ އެވެ. ޑޯޓްމަންޑުން ޖެހި ދެ ވަނަ ގޯލެއް ބަަލައިނުގަންނަން ރެފްރީ ނިންމީ އެޓޭކްގައި ބައިވެރިވި، އެ ޓީމުގެ ފޯވާޑް، ނިކްލަސް ފުލްކްރޫގް އޮފްސައިޑްގައި ހުރުމުންނެވެ.

ޕީއެސްވީ އަށް އެއްވަރުކޮށްދޭން ހާވިން ލޮޒާނޯ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ޑޯޓްމަންޑުން ދެ ވަނަ ގޯލު ޖެހީ، މެޗުގެ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ފުލްކްރޫގް ދިން ބޯޅައަކުން ޑޯޓްމަންޑްގެ ދެ ވަނަ ގޯލު ޖެހީ، ބަދަލަކަށް ކުޅެން އެރި މާކޯ ރެއުސް އެވެ.

އެތުލެޓިކޯ ދަނޑުގައި އިންޓަގެ ފެޑެރީކޯ ޑިމާކޯ ވަނީ 33 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އޭގެ ދެ މިނިޓް ފަހުން، އެންޓޮއިން ގްރީޒްމަން ވަނީ އެތުލެޓިކޯ އަށް އެއްވަރުކޮށްދީފަ އެވެ. މިއީ، ގްރީޒްމަން މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ޖެހި ހަ ވަނަ ގޯލެވެ. މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހީ ގްރީޒްމަން އެވެ.

މެޗު އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނީ، ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް، މެމްފިސް ޑިޕާއި ޖެހި ގޯލުން އެގްރިގޭޓް އެއްވަރުވުމުންނެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، އެތުލެޓިކޯގެ ތަރި އަކީ، ގޯލްކީޕަރު ޔޭން އޮބްލަކް އެވެ.

އިންޓަގެ ފުރަތަމަ ޕެނަލްޓީ ހަކަން ޗޮނޮނޮގްލޫ ކާމިޔާބުކުރި އެވެ. އެތުލެޓިކޯގެ ފުރަތަމަ ޕެނަލްޓީ ވައްދާލީ ޑިޕާއި އެވެ. އިންޓަގެ ދެ ވަނަ ޕެނަލްޓީ އަލެކްސިސް ސަންޗޭޒް ފޮނުވާލިއިރު، ކީޕަރު އޮބްލަކް މަތަކުރި އެވެ. އެތުލެޓިކޯގެ ސައުލް ނިގޭޒް، އެ ޓީމުގެ ދެ ވަނަ ޕެނަލްޓީ ފޮނުވާލިއިރު، އިންޓަގެ ކީޕަރު ޔެން ސޮމާ ހުއްޓުވި އެވެ. އެ އަށް ފަހު، އިންޓަގެ ތިން ވަަނަ ޕެނަލްޓީ ޖެހި، ޑޭވީ ކްލާސެން ފޮނުވާލި ބޯޅަ ވެސް ކީޕަރު އޮބްލަކް މަތަކުރި އެެވެ. އެތުލެޓިކޯގެ ތިން ވަނަ ޕެނަލްޓީ ރިކެލްމޭ ވަނީ ކާމިޔާބުކޮށްފަ އެވެ. އިންޓަގެ ހަތަރު ވަނަ ޕެނަލްޓީ ފެޑެރީކޯ އަޗޭރްބީ ކާމިޔާބުކުރިއިރު، އެތުލެޓިކޯގެ ހަތަރު ވަނަ ޕެނަލްޓީ އެންހެލް ކޮރެއާ ގޯލަށް ވައްދާލި އެވެ.

ކާމިޔާބު ކުރުން މަޖުބޫރުވެފައި އޮތް އިންޓަގެ ފަސް ވަނަ ޕެނަލްޓީ ފޮނުވާލަން ދިޔައީ އެ ޓީމުގެ ކެޕްޓަން، ލަޓާރޯ މާޓީނޭޒް އެވެ. އޭނާ ޖެހި ބޯޅަ ހުރަސްދަނޑިމަތިން ދިއުމާ އެކު، އެތުލެޓިކޯ އިން ފަސް ވަނަ ޕެނަލްޓީ ޖަހަން ނުޖެހި މެޗުން މޮޅުވީ އެވެ.

އެތުލެޓިކޯ އާއި ޑޯޓްމަންޑްގެ އިތުރުން ކުއާޓާ ފައިނަަލަށް ދަތުރުކުރީ، އާސެނަލާއި ބާސެލޯނާ އެވެ. މި މެޗުގެ ކުރިން އެންމެ ފަހުން، ކުޅުނު 13 މެޗުން ވެސް އިންޓަ ވަނީ މޮޅުވެފަ އެވެ. އެކަަމަކު، މި އަހަރު ފެށި ފަހުން ބަލިވި ފުރަތަމަ މެޗާ އެކު، އެ ޓީމަށް ޔޫރަޕްގެ މުބާރާތްތައް މި ސީޒަނަށް ނިމުނީ އެވެ.