Advertisement

މިލާން ބަލިކޮށް އިންޓަ އިން ލީގު ކަށަވަރުކޮށްފި

23 އޭޕްރީލް 2024 - 09:25 0


މިލާން ބަލިކޮށް އިންޓަ އިން ލީގު ކަށަވަރުކޮށްފި

23 އޭޕްރީލް 2024 - 09:25 0

މިލާން (އޭޕްރީލް 23) - އޭސީ މިލާން އަތުން 2-1 އިން މޮޅުވެ، ބާކީ ފަސް މެޗު އޮއްވައި، އިންޓަ މިލާނުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފި އެވެ.

މިއީ އިންޓަ އިން އިޓާލިއަން ލީގު ކާމިޔާބުކުރި 20 ވަނަ ފަހަރެެވެ. އެ ޓީމުގެ ވާދަވެރި މިލާނަށް ވުރެ އެއް ތަށި އިތުރުވީ އެވެ. އެންމެ ގިނައިން އިޓާލިއަން ލީގު ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސް އެވެ. އެ ޓީމުން ވަނީ 36 ފަހަރު ލީގު ކާމިޔާބުކޮށްފަ އެެވެ.

އިންޓަ އެއް ވަނައިގައި އޮތީ 33 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މިލާނަށް ވަނީ 33 މެޗުން 69 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސްގެ އޮތީ 33 މެޗުން 64 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ބޮލޯނިއާ ރޭ ވަނީ 3-1 އިން ރޯމާ ބަލިކޮށްފަ އެވެ. ބޮލޯނިއާ އަށް ވަނީ 33 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ. ރޯމާ، ފަސް ވަނައިގައި އޮތީ 32 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގެ 18 ވަނަ މިނިޓްގައި ރޭ އިންޓަ އިން ލީޑުނެގީ ފްރެންޗެސްކޯ އަޗެއާބީ ޖެހި ލަނޑުންނެވެ. މިއީ ކޯނަރެއްގައި ބެންޖަމިން ޕަވާޑް ޖައްސާލި ބޯޅައަކުން އަޗެއާބީ ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ހަތަރު ވަނަ މިނިޓްގައި މާކަސް ތުރާމް ވަނީ ލަނޑެއް ޖަހައި އިންޓަ އަށް ލީޑުފުޅާކޮށްދީފަ އެވެ.

އަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި މިލާނުން ވަނީ 80 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. މިއީ މިލާނުގެ އިނގިރޭސި ޑިފެންޑަރު، ފިކާޔޯ ޓޮމޯރީ ބޮލުން ޖެހި ގޯލެކެވެ.

މެޗުގެ އިތުރު ވަގުުތުގައި ދެ ޓީމުގެ މެދުގައި ހަމަނުޖެހުމެއް ހިނގައި، ތިން ރަތް ކާޑު ފެނިގެންދިޔަ އެވެ. މިލާނުގެ ތެއޯ ހެނާންޑޭޒް އާއި ޑޭވިޑް ކަލަބްރިއާ އަށް ރަތް ކާޑު ދެއްކިއިރު، އިންޓަ އިން ރަތް ކާޑު ދެއްކީ ޑެންޒެލް ޑަމްފްރީސް އަށެވެ.