Advertisement

ޑޯޓްމަންޑަށް 11 އަހަރު ތެރޭ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ސެމީ ފައިނަލް

17 އޭޕްރީލް 2024 - 07:20 0


ޑޯޓްމަންޑަށް 11 އަހަރު ތެރޭ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ސެމީ ފައިނަލް

17 އޭޕްރީލް 2024 - 07:20 0

ބާލިން (އޭޕްރީލް 11) - ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑް 4-2 އިން ބަލިކޮށް، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އެތުލެޓިކޯ ވަނީ ފުރަތަމަ ލެގުގައި 2-1 އިން މޮޅުވެފަ އެވެ. އެކަމަކު، ދެ ވަނަ ލެގުގައި އެ ނަތީޖާގެ މައްޗަށް އިތުބާރު ހޯދައި، ސެމީ އަށް ދެވޭ ވަރަށް ނުކުޅެވުނެވެ.

މިއީ ވޭތުވެދިޔަ 11 އަހަރު ތެރޭ ޑޯޓްމަންޑުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަަހަރެވެ. އެ ޓީމުން ވަނީ 2013 ވަނަ އަހަރުގެ ފައިނަލުގައި ކުޅެ ބަލިވެފަ އެެވެ.

ޑޯޓްމަންޑުން ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ފަސް މިނިޓް ތެރޭ ދެ ގޯލު ޖެހި އެވެ. މިއީ، ހޫލިއަން ބްރަންޑްޓް އާއި ޗެލްސީގެ ލޯނަކަށް ކުޅެމުން އަންނަ އިއާން މާޓްސެން ޖެހި ލަނޑުތަކެކެވެ.

އެތުލެޓިކޯ އިން ދެ ވަނަ ހާފް ފެށުނުތަނާ އިތުބާރު ހޯދީ، ޑޯޓްމަންޑްގެ މެޓް ހަމެލްސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ، މާރިއޯ ހާމޯސޯ ބޮލުން ޖެހި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ހަމެލްސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގެ ނަތީޖާ އެތުލެޓިކޯ އިން ހަމަހަމަކުރީ 64 ވަނަ މިނިޓްގައި އެންހެލް ކޮރޭއާ ޖެހި ގޯލުންނެވެ. މިއީ އޭރިއާތެރެއިން ރީބައުންސަކުން ޖެހި ގޯލެކެވެ. މި ލަނޑާ އެކު، އެގްރިގޭޓުން އެތުލެޓިކޯ އަށް ކުރި ލިބުނެވެ.

އެކަމަކު، އެ ހިސާބުން ހިތްވަރު އެލުވައިނުލައި، ޑޯޓްމަންޑުން ކުޅުން ދަމަހައްޓައި، ދެ ގޯލު ޖަހައިގެން މެޗުން މޮޅުވީ އެވެ. ޑޯޓްމަންޑްގެ ލަނޑުތައް ޖެހީ، ނިކްލަސް ފުލްކްރޫގް އާއި މާސެލް ސަބިޓްޒާ އެވެ. މި ދެ ލަނޑު ޖެހީ ހަތަރު މިނިޓް ތެރޭގަ އެވެ.

ސެމީގައި މި ފަހަރު، ޑޯޓްމަންޑް ކުޅޭނީ، ބާސެލޯނާ ކަޓުވާލި، ޕީއެސްޖީއާ އެެވެ. ސެމީގެ ފުރަތަަމަ ލެގުތައް އޮންނާނީ، އޭޕްރީލް 30 އާއި މެއި 1 ގަ އެވެ. ދެ ވަނަ ލެގު ކުޅޭނީ މެއި 7 އާއި މެއި 8 ގަ އެވެ.