Advertisement

ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހަކު އަތުލައިގަނެފި

13 މާރިޗު 2024 - 21:47 1

ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަނީ: ޕާކިސްތާނު މީހާ 30 ދުވަހު ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ -- ފޮޓޯ: އަދަދު ފައިލް


ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހަކު އަތުލައިގަނެފި

13 މާރިޗު 2024 - 21:47 1

ފަސް ކިލޯގެ މަސްތުވާތަކެއްޗާއެކު ރާއްޖެ އެތެރެވި ޕާކިސްތާނު މީހަކު ކަސްޓަމުން އަތުލައިގަނެފި އެވެ.

އަބްދުއްލަތީފް ބަލޮޗް، 56، އަތުލައިގަތީ ވައިގެ މަގުން ރާއްޖެ އައިތަނުން އޭނާގެ ފޮށި ބަލައި ފާސް ކުރުމަށްފަހެވެ. އޭނާ ގެނައި ފޮށީގެ ތެރެއިން ފަސް ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު ޖަހަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުން 30 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެ ކުރާ އެއް ގައުމަކީ ޕާކިސްތާނެވެ. ގާތްގަނޑަކަށް ފަސް ކިލޯގެ މަސްތުވާތަކެއްޗާއެކު އޮކްޓޯބަރު، 2023، ގައި ވެސް ޕާކިސްތާނު މީހަކު ވަނީ އެއާޕޯޓުން އަތުލައިގަނެފަ އެވެ. އެފަހަރު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 5.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ކުރިން ޖޫން، 2023، ގައި 10 ކިލޯގެ މަސްތުވާތަކެއްޗާއެކު ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ މީހަކު ވެސް އަތުލައިގަތެވެ. އެއީ ގާތްގަނޑަކަށް 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެފައިވެ އެވެ.