Advertisement

ކުނީގެ މައްސަލަ ހައްލުވާނީ ކުނި އުކައިދޭ ފީ ކުޑަކޮށްގެން: މޭޔަރު

13 މާރިޗު 2024 - 22:41 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ކުނީގެ މައްސަލަ ހައްލުވާނީ ކުނި އުކައިދޭ ފީ ކުޑަކޮށްގެން: މޭޔަރު

13 މާރިޗު 2024 - 22:41 0

ރޯދަ މަހާ ގާތްކޮށް، މާލެ މަގުތައް މައްޗަށް ކުނި ގިނަވެގެން ދިޔައިރު މަގުމަތި ކުނިވުމުގެ މައްސަލަ ހައްލު ކުރެވޭނީ ކުނި އުފުލައިދޭ ފީ ކުޑަކޮށްގެން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ފާއިތުވި 17 ދުވަހުގެ ތެރޭގައި މާލޭގެ މަގުމަތިން، ސިޓީ ކައުންސިލްގެ މުވައްޒަފުން ނެގި ކުނީގެ ބަރުދަން ވަނީ 260.5 ޓަނަށް އަރައިފަ އެވެ.

ރޯދަ މަހު ކޮންމެ ރޭގަނޑަކު "އަދަދު" ނޫހުން ގެނެސްދޭ ސިލްސިލާ ޕްރޮގްރާމް "އެއްޗެއް ކަޅެއް" ގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެ މައްސަލަ ހައްލުވާނީ އެންމެން ވެސް ޒިންމާދާރުވެގެން ކަމަށެވެ.

ރައްޔިތުން ވެސް މަގުމައްޗަށް ކުނިނޭޅުމަށް އިލްތިމާސް ކުރައްވަމުން އޭނާ ވިދާޅުވީ ކުނި އުފުލުމަށް ޕިކަޕްތަކުން ބުނާ އަގަކީ، އާންމު މީހާއަށް ދައްކަން މާ ދަތި އަގެއް ކަމަށެވެ.

ވެމްކޯގެ ފީ ވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުޑަ ކުރަން އެބަ ޖެހެ އެވެ.

"ސަތޭކަ ފަންސާސް ރުފިޔާ މި ޗާޖު ކުރަނީ، އާންމު ރައްޔިތަކަށް އެ އަދަދު ބޮޑީ. އެ އެފޯޑު ކުރެވޭ ވަރަކަށް މި ޗާޖަސް ގެންނަން އެބަ ޖެހޭ، އެއިރުން މީގެ ދާއިމީ އެއް ހައްލު އެ ގެނެވެނީ،" އާޒިމް ވިދާޅުވި އެވެ.

މާލޭގެ މަގުތަކުން ކުނި ނެގުމަށް ސިޓީ ކައުންސިލުގެ 51 ޕިކަޕު ބޭނުން ކުރެ އެވެ. އޭގެތެރޭގައި 1.5 ޓަނުގެ 16 ޕިކަޕާއި 0.350 ޓަނުގެ 26 ޕިކަޕު، 3.5 ޓަނުގެ އެއް ޕިކަޕު އަދި ތިން ޓަނުގެ ހަތް ޕިކަޕު ހިމެނެ އެވެ.

ރޯދަ މަހާ ދިމާކޮށް މީގެ ކުރިން ވެސް މާލޭގެ މަގުތައް މައްޗަށް ކުނި ގިނަވެ އެވެ. އޭގެތެރޭގައި ގިނައީ ބޮޑެތި ފަރުނީޗަރާއި ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން އިލެކްޓްރޯނިކްސް ފަދަ އިތުރު ފީއެއް ދައްކައިގެން ވެމްކޯއިން އުކައިލަންޖެހޭ ޒާތުގެ ކުންޏެވެ.