Advertisement

އިހަވަންދިއްޕޮޅުގައި ބަންކަރިން ހަބެއް ގާއިމުކުރަން އެސްޓީއޯ އާއި ނެދަލޭންޑްސްގެ ވިޓޯލްގެ އެގްރީމެންޓެއް

13 މާރިޗު 2024 - 14:54 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ދެ ކުންފުނީގެ ވެރިން ސަލާމް ކުރައްވަނީ. އެސްޓީއޯ އާއި ވިޓޯލްއަކީ ވިޔަފާރީގެ ގޮތުން ތާރީހީ ގުޅުންތަކެއް އޮތް ދެ ކުންފުނި ކަމަށް އެސްޓީއޯއިން ބުނޭ --- ފޮޓޯ: އެސްޓީއޯ


އިހަވަންދިއްޕޮޅުގައި ބަންކަރިން ހަބެއް ގާއިމުކުރަން އެސްޓީއޯ އާއި ނެދަލޭންޑްސްގެ ވިޓޯލްގެ އެގްރީމެންޓެއް

13 މާރިޗު 2024 - 14:54 0

ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ހަބެއް ގާއިމުކުރުމުގެ ގޮތުން ގޮތުން ހަކަތަ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ވިޓޯލް އާއެކު ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޓާމް ޝީޓް އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. ނެދަލޭންޑްސްގެ ވިޓޯލްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ ޖޭ އެންގް އެވެ.

"މި ޕާޓްނާޝިޕްގެ ދަށުން ވިޓޯލް އިން އިންޑިއާ ކަނޑުގެ ބަންކަރިން ހަބެއްގެ ގޮތުގައި ރާއްޖެ މާކެޓްކޮށް، މި ސިނާއަތުގައި އަޅުގަނޑުމެންގެ ފަންނީ ގާބިލުކަން ކުރިއެރުވުމަށް އެހީތެރިވާނެ," އެސްޓީއޯއިން ހިއްސާކޮށްފައިވެ އެވެ.

"މި ޓާމް ޝީޓް އަކީ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިން ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެ ކަންކަން ދެފަރާތުން އެއްބަސް ވާ މުއްދަތެއްގައި ފުރިހަމަ ކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއެ ކުރުމުގެ ކުރިން ސޮއެ ކުރެވޭ ޓާމް ޝީޓް."

އިތުރު މައުލޫމާތެއް މިކަމާ ގުޅިގެން އެސްޓީއޯއިން ހާމަކޮށްފައި ނުވެ އެވެ.

ވިޓޯލް އަކީ ކޮންބައެއް

މީގެ 57 އަހަރު ކުރިން 1966 ގައި ނެދަލޭންޑްސްގެ ރޮޓަޑޭމްގައި އުފެއްދި މި ކުންފުނި މިހާރު ބޭސްފައިވަނީ ސްވިޓްޒަލޭންޑުގަ އެވެ. ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުގައި އެ ކުންފުނީގެ އޮފީސްތައް ހުރިއިރު 2022 ވަނަ އަހަރު އެ ކުންފުނީގެ އާމްދަނީގެ ގޮތުގައި 505 ބިލިއަން ޑޮލަރު ރިޕޯޓުކޮށްފައިވެ އެވެ.

މިއީ ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުންޏެވެ. އެ ކުންފުނީގެ ހިސާބުކިތާބުތައް އާންމުނުކުރާތީ ފޯބްސްގެ އެންމެ މުއްސަދި ކުންފުނިތަކުގެ ލިސްޓުގައި އެ ކުންފުނީގެ ނަމެއް ނޯވެ އެވެ. އެ ކުންފުނި ހިމަނާނަމަ އެ ލިސްޓުގެ ގަދަ ފަހެއްގައި ހިމެނޭނެ އެވެ.

ވިޓޯލްގެ ފަރާތުން މިއަދު ޑިރެކްޓަރު ޖޭ އެންގް ސޮއިކުރައްވަނީ. މިއީ ދުނިޔޭގެ ހަކަތަ ވިޔަފާރީގެ އެންމެ ބޮޑު ޕްރައިވެޓް ކުންފުނި --- ފޮޓޯ: އެސްޓީއޯ


އަހަރެއްގެ މައްޗަށް 350 މިލިއަން ޓަނުގެ ތެޔޮ އެ ކުންފުނިން ވިއްކާ އިރު މި ތެޔޮ އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް 250 އަށްވުރެ ގިނަ ސުޕަޓޭންކަރާއި އެހެނިހެން އުޅަނދުތައް އެ ކުންފުނީގެ މިލްކިއްޔާތުގައި ހިމެނެ އެވެ.

ދުވާލެއްގެ މައްޗަށް 7.6 މިލިއަން ފީފާގެ ތެޔޮ އެ ކުންފުނިން ވިއްކާއިރު މިއީ ދުނިޔޭގެ ނިސްބަތުން ހަތަރުވަނައަށް އެންމެ ގިނައިން ތެޔޮ ބޭނުންކުރާ ޖަޕާނަށް ވުރެ އިތުރު އަދަދެކެވެ. ދުނިޔޭގެ އެކި ކަންކޮޅުގައި 16 މިލިއަން ކިއުބިކް މީޓަރުގެ ތެޔޮ ރައްކާ ކުރުމުގެ ގާބިލުކަން މި ކުންފުނީގައި އެބަހުއްޓެވެ.

މިދިޔަ ސަރުކާރުގައި ގަތަރުގެ ކުންފުންޏަކަށް ދީފައި އޮތް ޕްރޮޖެކްޓެއް

ރާއްޖޭގެ އެންމެ އުތުރުން އޮންނަ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގަ އެވެ. މި ސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރާ ކަމަށް މެރިޓައިމް މޫވްމަންޓްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ބޮޑެތި އާގު ބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފެށުމުގެ ގޮތުން އޮގަސްޓު 10, 2023 ގައި އެސްޓީއޯއިން އޮތީ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. މިއަދު ވިޓޮލްއާ އެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން މި ފަހުމުނާމާއަށް ވާނެ ގޮތެއް ނޭނގެ އެވެ.

މިއީ އެ ސަރުކާރުން އިހަވަންދިއްޕޮޅުގައި ކުރިއަށްގެންދަން ރޭވި ޕޯޓް ސިޓީ ޑިވަލަޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ސޮއިކުރި ފަހުމުނާމާ އެކެވެ. ބަންކަރިން ހިދުމަތް ފެށުމަށްޓަކައި ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ރެގިއުލޭޝަންތައް ތައްޔާރުކޮށްފައިވާ ކަމަށް އޭރު އެސްޓީއޯއިން ބުނެފައިވެ އެވެ.

މި ފަހުމުނާމާގެ ދަށުން އެ ޕޯޓް ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވްއެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގްގެ ހިދުމަތް ފެށުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހެދުމާއި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރުން ހިމެނޭ ކަމަށް އޭރު ބުނެފައިވެ އެވެ.

ގަތަރުގެ އާބަކޮންއަކީ އިމާރާތްކުރުމުގެ ދާއިރާގައި މެދުއިރުމަތީގެ އެންމެ ފުއްނާބު އުސް އެއް ކުންފުންޏެވެ. މި ކުންފުނިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ މަތީފަންތީގެ އެއް ރިސޯޓު، ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓު، ޑިޒައިން އެންޑް ބިލްޑު އުސޫލުން ތަރައްގީކުރި ކުންފުންޏެވެ.