Advertisement

މޫސަގެ މަރު: ސައްމާހަށް ކުށް ސާބިތު ނުވި ހުކުމް ހައި ކޯޓަށް

13 މާރިޗު 2024 - 10:35 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


މޫސަގެ މަރު: ސައްމާހަށް ކުށް ސާބިތު ނުވި ހުކުމް ހައި ކޯޓަށް

13 މާރިޗު 2024 - 10:35 0

މީގެ ފަސް އަހަރު ކުރިން، މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މާރާމާރީއެއްގައި މޫސާ އަހުމަދު، 19، ގެ ގަޔަށް ވަޅި ޖަހާ މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ 23، ގައި ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ދައުލަތުގެ ފަރާތުން އެ ހުކުމް އިސްތިއުނާފުކޮށްފައިވަނީ މާޗު، 7 ގަ އެވެ. އަދި ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން ކުރެއްވި ހުކުމުގައިވާ ގޮތުން، ކުށް ސާބިތުނުވި މައިގަނޑު ސަބަބަކީ ކޯޓަށް ހެކިބަސް ދިން ހަމައެކަނި ހެކިވެރިޔާ ފަހުން އޭނާގެ ހެކިބަސް އަނބުރާ ގެންދިޔުމުންނެވެ. ހެކިވެރިޔާ ހެކިބަސް ދިނީ ދައުލަތުން ބިރު ދައްކައިގެން ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވި އެވެ.

ދައުލަތުން ކިތާބީ ހެކީގެ ގޮތުގައި ވީޑިއޯ ފުޓޭޖުތަކެއް ހުށަހެޅި ނަމަވެސް އެ ފުޓޭޖުން ފެންނަނީ އޭނާ ކަން ޔަގީން ނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި އެ ކަމަށް ބާރު ދޭނެ އިތުރު ހެކިތައް ހުށަހެޅިފައި ނެތް ކަމަށާއި ދައުލަތުން ހުށަހެޅި އެހެން ފޮރެންސިކް ހެކިތަކުން ވެސް ކުށާއި ސައްމާހުއާ ގުޅައިލެވޭނެ ގޮތެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.

ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.