Advertisement

ސޯޅަ ދުވަހުގެ ތެރޭގައި މާލޭގެ މަގުމަތިން 222 ޓަނުގެ ކުނި ނަގައިފި

12 މާރިޗު 2024 - 11:45 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި މީގެ ކުރިން ޖަމާކޮށްފައި ހުރި ކުނިފުންޏެއް -- ފޮޓޯ: އަދަދު


ސޯޅަ ދުވަހުގެ ތެރޭގައި މާލޭގެ މަގުމަތިން 222 ޓަނުގެ ކުނި ނަގައިފި

12 މާރިޗު 2024 - 11:45 1

މާލޭގެ މައްގުމައްޗަށް އަޅާފައިވާ ކުނީގެ ތެރެއިން ފާއިތުވި 16 ދުވަހު އެކަނި ވެސް 222.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ރޭ ދަންވަރު އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެގެ އެންމެ ހަތަރު ގަޑިއިރު ތެރޭގައި އެކަނިވެސް 22.5 ޓަނުގެ ކުނި މަގުމަތިން ނަގާފައިވާ ކަމަށާއި މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް، ދިރިއުޅޭ ގެދޮރާއި ތިމާވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަށް ވެގެންދާނެ ކަމެއް،" އާޒިމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މާލޭގެ މަގުމައްޗަށް ކުނި ގިނަވެފައި ވަނީ ރޯދަ މަހާ ދިމާކޮށް ގޯތިގެދޮރު ސާފު ސާފުކުރުމުން އުފެދުނު ކުނިތައް ގޭގެއިން ނެރެ މަގުމައްޗަށް ޖަމާކުރުމުންނެވެ. އެކަން ބޮޑުވުމުގެ ސަބަބުން ވެމްކޯއިން ވެސް ވަނީ ހިލޭ ކުނި އުކައިދޭން ފަށައިފަ އެވެ.

މާލޭގެ މަގުތަކުން ކުނި ނެގުމަށް ސިޓީ ކައުންސިލުގެ 51 ޕިކަޕު ބޭނުން ކުރެ އެވެ. އޭގެތެރޭގައި 1.5 ޓަނުގެ 16 ޕިކަޕާއި 0.350 ޓަނުގެ 26 ޕިކަޕު، 3.5 ޓަނުގެ އެއް ޕިކަޕު އަދި ތިން ޓަނުގެ ހަތް ޕިކަޕެވެ.

ރޯދަ މަހާ ދިމާކޮށް މީގެ ކުރިން ވެސް މާލޭގެ މަގުތައް މައްޗަށް ކުނި ގިނަވެ އެވެ. އޭގެތެރޭގައި ގިނައީ ބޮޑެތި ފަރުނީޗަރާއި ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން އިލެކްޓްރޯނިކްސް ފަދަ އިތުރު ފީއެއް ދައްކައިގެން ވެމްކޯއިން އުކައިލަންޖެހޭ ޒާތުގެ ކުންޏެވެ.