Advertisement

ކޮމަންވެލްތު ގޭމްސް 2026 ގައި ބޭއްވުމުގެ ފުރުސަތު މެލޭޝިއާ އަށް

12 މާރިޗު 2024 - 06:40 0

2022 ވަަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓެއްގެ ތެރެއިން މެލޭޝިއާގެ ކުޅުންތެރިއަކު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ


ކޮމަންވެލްތު ގޭމްސް 2026 ގައި ބޭއްވުމުގެ ފުރުސަތު މެލޭޝިއާ އަށް

12 މާރިޗު 2024 - 06:40 0

ކުއަލަ ލަމްޕޫރު، މެލޭޝިއާ (މާޗް 12) - ކޮމަންވެލްތު ގޭމްސް، 2026 ވަނަ އަހަރު ބޭއްވުމުގެ ފުރުސަތު މެލޭޝިއާ އަށް ލިބިފައިވާ ކަމަށް މެލޭޝިއާގެ އޮލިމްޕިކް ކައުންސިލް އިން ބުނެފި އެވެ.

ކޮމަންވެލްތު ގޭމްސް 2026 ގައި ބާއްވަން ހަމަޖެހިފައި އޮތް އޮސްޓްރޭލިއާގެ ވިކްޓޯރިއާ އިން މާލީ ސަބަބުތަކާ ހުރެ މުބާރާތް ހޯސްޓްނުކުރާނެކަން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) އަށް އަންގައިފަ އެވެ.

މެލޭޝިއާގެ އޮލިމްޕިކް ކައުންސިލް އިން ބުނީ، 2026 ގެ ކޮމަންވެލްތު ގޭމްސް ހޯސްޓްކުރުމުގެ ފުރުސަތު ސީޖީއެފް އިން ރަސްމީކޮށް، ދީފައިވަނީ މިދިޔަ މަހު ކަމަށެވެ. އަދި މުބާރާތް ހޯސްޓް ކުރެވޭތޯ ކުރާ މަސައްކަތަށް މިހާރު ވަނީ، 120 މިލިއަން ޑޮލަރުގެ ފަންޑިން އެއް ލިބިފައި ކަމަށެވެ.

ސީޖީއެފް އިން އަންނަނީ މެލޭޝިއާގެ އޮލިމްޕިކް ކައުންސިލްއާ އެކު، ގޭމްސް ހޯސްޓްކުރުމުގެ ފުރުސަތު އެއްކޮށްދިނުމުގެ ކަންކަން ނިންމާލުމާ ބެހޭ މަޝްވަރާތައް ކުރަމުންނެވެ. ބެލެވޭ ގޮތުގައި މިހާރު އޮތްގޮތަށް ކަންކަން ދާނަމަ މި މަސް ތެރޭގައި އެކަންކަން ފައިނަލް ވެގެންދިއުމުގެ ފުރުސަތު ބޮޑެވެ.

މީގެ ކުރިން، މެލޭޝިއާ އިން ވަނީ 1998 ވަނަ އަހަރު ކޮމަންވެލްތު ގޭމްސް ހޯސްޓްކޮށްފަ އެވެ. އެ ފަހަރު ގޭމްސް ހޯސްޓްކުރީ ކުއަލަ ލަމްޕޫރުގަ އެވެ. އެ ފަހަރު، ގޭމްސް ބޭއްވުމުގެ ކާމިޔާބީ އަކީ މެލޭޝިއާގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވުން ކަމަށާއި ކުރިއަށް އޮތް ގޭމްސް ވެސް ބޭއްވިގެންދިއުމަކީ ހާއްސަ އުންމީދެއް ކަމަށް، މެލޭޝިއާގެ ކޮމަންވެލްތު ގޭމްސް އެސޯސިއޭޝަންގެ ރައީސް، ނޯރްޒާ ޒަކަރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން، ކޮމަންވެލްތު ގޭމްސް ބާއްވާފައިވަނީ، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގަ އެވެ. ބާމިންހަމް އަށް ހޯސްޓް ކުރުމުގެ ފުރުސަތު ދޭން ނިންމީ، ދެކުނު އެފްރިކާގެ ޑާބަންގައި މުބާރާތް ހޯސްޓް ނުކުރެވުމުންނެވެ.