Advertisement

ސިޓީގެ ކީޕަރު އެޑަސަން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

12 މާރިޗު 2024 - 06:18 0


ސިޓީގެ ކީޕަރު އެޑަސަން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

12 މާރިޗު 2024 - 06:18 0

މެންޗެސްޓާ (މާޗް 12) - މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު، ބްރެޒިލްގެ އެޑަސަން މޮރާއެސްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއާ ހެދި މަހެއްހާ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

އެޑަސަން، 30، އަށް އަނިޔާވީ އެންމެ ފަހުން، އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން 1-1 އިން ލިވަޕޫލާ އެއްވަރުވި މެޗުގަ އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލުން ނަތީޖާ އެއްވަރުކުރި ޕެނަލްޓީ ލިބުނީ، އޭރިއާތެރެއިން އެޑަސަން ބޯޅަ އަކަށް އަރައި، ލިވަޕޫލްގެ ޑާވިން ނޫނޭޒަށް ކުރި ފައުލަކަށެވެ. އެ ފައުލު ހިނގިތާ، ހަ މިނިޓް ފަހުން، އެޑަސަން ވަނީ ބަދަލުކޮށްފަ އެވެ.

އެ އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކުން އެނގުނީ އެޑަސަން ފައިގެ މަސްގަނޑަށް އަރާފައިވާ ތަދުން ފަސޭހަވެ، އަލުން ފިޓްވާން އެންމެ އަވަސް ވެގެން ވެސް ހަތަރު ހަފްތާ ނަގާނެކަން ކަމަށެވެ. އެެހެންވެ، އެޑަސަން އަށް އެ މުއްދަތުގައި މެޗެއްގައި ނުކުޅެވޭނެ ކަމަށެވެ.

އެޑަސަން ނުލައި، ސިޓީން ކުޅެން ޖެހޭނެ އެންމެ ބޮޑު މެޗަކީ، އިނގިރޭސި ޕްރިމިއާ ލީގުގައި މި މަހު 31 ގައި އަމިއްލަ ދަނޑުގައި އާސެނަލާ ބައްދަލުކުރާ މެޗެވެ. އޭގެ އިތުރުން، ދެން އެޑަސަން އަށް ގެއްލޭނެ ކަމަށް ބެލެވޭ މެޗުތަކަކީ، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ނިއުކާސަލާ ކުޅޭ މެޗުގެ އިތުރުުން ލީގުގައި އެސްޓަން ވިލާ އާއި ކްރިސްޓަލް ޕެލަސްއާ ކޫޅޭ މެޗުތަކެވެ.

ސިޓީން އެޑަސަންގެ ބަދަލުގައި މި މެޗުތަކުގައި ބޭނުންކުރާނީ ބަދަލު ކީޕަރު ޖަރުމަނުގެ ސްޓެފަން އޯޓޭގާ އެވެ. ލިވަޕޫލް މެޗުގައި ވެސް އެޑަސަންގެ ބަދަލު ކުޅެން އަރައި، އޯޓޭގާ ރަނގަޅު ބޯޅަތަކެއް ހުއްޓުވި އެވެ.

މި މަހު ގައުމީ ޓީމުތަކުގެ މެޗުތައް ވެސް އޮތުމާ އެކު، ސިޓީން ވަނީ އެޑަސަންގެ އަނިޔާގެ ކަންކަން ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނާ ވެސް ހިއްސާކޮށްފަ އެވެ. އެޑަސަން އަށް އަނިޔާވިއިރު، ބްރެޒިލްގެ އަނެއް ކީޕަރު، ލިވަޕޫލްގެ އެލިސަން ބެކާ ވެސް ހުރީ އަނިޔާގަ އެވެ.