Advertisement

ޗެލްސީ ކަޓުވާލައި ސިޓީ އެފްއޭ ކަޕް ފައިނަލަށް

21 އޭޕްރީލް 2024 - 02:17 0


ޗެލްސީ ކަޓުވާލައި ސިޓީ އެފްއޭ ކަޕް ފައިނަލަށް

21 އޭޕްރީލް 2024 - 02:17 0

ލަންޑަން (އޭޕްރީލް 21) - ސެމީ ފައިނަލް ފުރަތަމަ މެޗުގައި 1-0 އިން ޗެލްސީ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން މި ފަހަރުގެ އެފްއޭ ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ޗެމްޕިއަންސް ލީގުން ކެޓުމުގެ މާޔޫސްކަމުން އަރައިގަންނަން ސިޓީން ނުކުތް މި މެޗުގައި ޗެލްސީން ވެސް ވަނީ ރަނގަޅަށް ކުޅެ، ލަނޑު ޖަހަން ފުރުސަތުތަކެއް ހޯދައިފަ އެވެ. އެކަމަކު، ސިޓީން މެޗުގެ 84 ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ ޖެހި ގޯލުން ވަނީ މޮޅެއް ހޯދައި، ފައިނަލަށް ދަތުރުކޮށްފަ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ޗެލްސީން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ނިންމާލީ ލަނޑެއް ނުޖެހި އެވެ. މި ސީޒަނުގެ ލީގު ކަޕްގައި ލިވަޕޫލް އަތުން ފައިނަލުގައި ޗެލްސީ ބަލިވީ 1-0 އިންނެވެ.

މިރޭގެ މެޗުގައި، ޗެލްސީ އަށް ލަނޑެއް ޖަހައިދޭން އެންމެ ގިނަ ހުސް ފުރުސަތުތައް ނަގާލީ އެ ޓީމުގެ ފޯވާޑް ނިކޮލަސް ޖެކްސަން އެވެ. ސިޓީގެ ޑިފެންސް ފަހަތުން އޭނާ އަށް ގިނަ ބޯޅަތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުހިފުނެވެ.

ޗެލްސީ އަށް ގޯލެއް ޖަހައިދިނުމާ ގާތަށް ސިޓީ އަށް ކުރިން ކުޅުނު ކޯލް ޕާމާ ވަނީ ޖެހިލައިފަ އެވެ. އެ ގޮތުން، ޕާމާ ޖެހި ބޯޅައެއް ސިޓީގެ ކީޕަރު ސްޓެފަން އޯޓެގާ މަތަކުރިއިރު، ހިލޭ ޖެހުމަކުން ޕާމާ ޖެހި ބޯޅައެއް، ސިޓީގެ ދިފާއީފާރުގައި ހުރި ޖެކް ގްރީލިޝް އަތުގައި ޖެހުނެވެ. އެކަމަކު، ރެފްރީ ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ.

އަނިޔާާގެ ސަބަބުން ސިޓީގެ އެއް ވަނަ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ނުކުޅެ އެވެ. މި މެޗުގައި ސިޓީގެ އެންމެ ކުރިއަށް ކުޅުނު، ޖޫލިއަން އަލްވަރޭޒަށް އެންމެ ރަނގަޅަށް ފުުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

ސިޓީއާ ދެކޮޅަށް އެފްއޭ ކަޕް ފައިނަލުގައި ކުޅޭނީ ދެ ވަނަ ސެމީގައި މެންޗެސްޓާ ޔުނައިޓެޑާއި ކަވެންޓްރީ ކުޅެގެން މޮޅުވާ ޓީމެެކެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޝެޑިއުލަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން، ސިޓީން މި ހަފްތާގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލެއްގައި ކުޅެފައި، ފުރަތަމަ ސެމީ ފައިނަލް ކުޅެން ޖެހުނު ގޮތެއް ނުވިސްނުނު ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އަދި އޭނާ ދެކޭގޮތުގައި ފުރަތަމަ ސެމީގައި، ޝެޑިއުލް ހަދާއިރު ކުޅެން ޖެހޭނީ، ޔުނައިޓެޑާއި ކަވެންޓްރީ ކަމަށެވެ.