Advertisement

ލޯކަލް ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ މަޖިލީހަށް: ރައީސް

11 މާރިޗު 2024 - 21:23 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ މަޖިލީހަށް - ފޮޓޯ: ރައީސް އޮފީސް


ލޯކަލް ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ މަޖިލީހަށް: ރައީސް

11 މާރިޗު 2024 - 21:23 0

ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ބޭނުންވާ ކަމަށާއި، އެެހެން ނަމަވެސް އެ ކަން ހަމަޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާންމު ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސް ޖަވާބު ދެއްވުމަށް، ރައީސް އޮފީހުން ހިންގާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އެމަނިކުފާނަށް މިއަދު ސުވާލު ކުރީ މ. ނާލާފުށީ ކައުންސިލްގެ މުވައްޒަފެކެވެ.

ރަށު ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ގާތްގަނޑަކަށް 7،000 ރުފިޔާއާއި 9،000 ރުފިޔާއާ ދެމެދު އުޅޭ އިރު ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނެ ގޮތެއް ނެތްތޯ ސުވާލު ކުރި އެވެ.

އޭގެ ޖަވާބުގައި އެމަނިކުފާނު ފުރަތަމަ ވެސް ފާހަގަ ކުރެއްވީ އެހެން އެ ގޮތަށް ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތައް ދަށް ފަންތިއެއްގައި "ކެޓަގަރައިޒު" ކޮށްފައި އޮންނާތީ ކަމަށެވެ.

"ފިނޭންސް މިނިސްޓްރީން، މުސާރަ ބޮޑު ކުރަން ބެލިޔަސް، ކުރެވޭކަށް ނޯވޭ، ގާނޫނުގައި އެހާ ދަށް ފަންތިއެއްގައި ކައުންސިލްތައް ކެޓަގަރައިޒުކޮށްފައި އޮންނާތީ، އެއީ މައިގަނޑު މައްސަލައަކީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވި އިރު މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އެވެ. އެމްޑީޕީގެ 43 މެންބަރުން ތިއްބަވާއިރު މިހާރު އެ ޕާޓީއާއެކު މަސައްކަތްކުރާ ޑިމޮކްރެޓްސްގެ 12 މެންބަރުން ތިބެ އެވެ. ވެރިކަންކުރާ ޕީއެންސީއާއި ޕީޕީއެމްގެ ތިއްބެވީ 15 މެންބަރުންނެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ މަޖިލިސް އިންތިހާބު ގާތްވެފައިވަނިކޮށެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރުން އޮތީ އަންނަ އޭޕްރީލް 21، ގަ އެވެ.

އެންމެ ބޮޑު ވާދަވެރިކަމެއް މި އޮތީ ވެސް ވެރިކަންކުރާ ޕީއެންސީއާއި އެމްޑީޕީއާ ދެމެދުގަ އެވެ. ޕީއެންސީގެ 90 ކެންޑިޑޭޓުން އަދި އެމްޑީޕީގެ 89 ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެ އެވެ.