11 މާރިޗު 2024 - 12:44 0
މުހައްމަދު އުޝާމް
ގަލޮޅު ދަނޑުގައި ހިނގި ޔޯގާގެ ހަމަނުޖެހުމުގެ މައްސަލައިގެ ތުހުމަތުގައި ޝައިހް ނިޝާން ހައްޔަރުކުރަނިކޮށް: އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަނބުރާ ދީފި - ފައިލް ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
11 މާރިޗު 2024 - 12:44 0
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައަށް ފަހު، އެ މައްސަލާގައި ޝެއިހް އާދަމް ނިޝާންގެ އަތުން މިދިޔަ ސަރުކާރުން ނަގާފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މި ސަރުކާރުން އަނބުރާ ދީފި އެވެ.
ޝެއިހް ނިޝާން، ސޯޝަލް މީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް އެ ކަން ވަނީ ހާމަކޮށްފަ އެވެ.
"މި ފުރުސަތުގައި އިސްލާމިކް މިނިސްޓްރީއަށް، ވަކިން ހާއްސަކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ނިޝާން ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ނިޝާން ޕޯސްޓްކޮށްފައިވާ އިސްލާމިކް މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އޭނާއަށް އަލުން ހުއްދަ ދިނީ، އެ މިނިސްޓްރީން ކަނޑައަޅާފައިވާ ދީނީ ނަސޭހަތް ދިނުމުގެ އުސޫލުތަކާއި ގަވާއިދުތަކަށް އިހުތިރާމު ކުރުމަށް އޭނާ އެއްބަސްވުމާ އެކު ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން 21 ގެ ހެނދުނު 6:30 ގައި ގަލޮޅު ދަނޑުގައި ފެށި ޔޯގާ ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.
އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައި ކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.
މި މައްސަލާގައި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ވެސް ޝެއިހް ނިޝާން އަދި ޝެއިހް ފަޒްލޫން މުހައްމަދުގެ މައްޗަށް އުފުލާފައިވެ އެވެ. އޭގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށި ނަމަވެސް އެ ކޯޓަށް ދިމާވި ޖާގައިގެ ދަތިކަމުގެ ސަބަބުން އެ މައްސަލަ ހިމެނޭހެން ގިނަ މައްސަލަތަކުގެ އަޑުއެހުންތައް ފަހުން ނުބޭއްވެ އެވެ.
Comment