Advertisement

ބޯޓުފަހަރުތަކުގެ ފީ ޑޮލަރުން ނުނަގަން ޓްރޭޑް އެސޯސިއޭޝަނުން ގޮވާލައިފި

11 މާރިޗު 2024 - 12:16 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޕީއެލް ބަނދަރު ސަރަަހައްދުގައި ކޮންޓެއިނަރުތައް ޖަހާފައި: ބޯޓުފަހަރުތަކުގެ ފީ ޑޮލަރުން ނަގަން އުޅޭތީ ޓްރޭޑް އެސޯސިއޭޝަނުން ކަންބޮޑުވެއްޖެ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ބޯޓުފަހަރުތަކުގެ ފީ ޑޮލަރުން ނުނަގަން ޓްރޭޑް އެސޯސިއޭޝަނުން ގޮވާލައިފި

11 މާރިޗު 2024 - 12:16 0

އަންނަ އޭޕްރީލް މަހުން ފެށިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބޯޓުފަހަރުން ނަގާ ފީތައް ޑޮލަރުން ނަގަން ނިންމާފައިވާތީ އެ ނިންމުން ބަދަލު ކުރުމަށް ގޮވާލައި، މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ނޫސް ބަޔާނެއް ނެރެފި އެވެ.

އެމްޓީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުދާ އެތެރެކުރާ ވިޔަފާރިތަކުން، ގިނަ މުއާމަލާތްތައް ޑޮލަރުން ހިންގާއިރު ރާއްޖެއަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެމްޕީއެލަށް ޑޮލަރުން ފީ ދައްކަން ޖެހުމަކީ ގިނަ އަދަދެއްގެ ޑޮލަރު ބޮޑު އަގުގައި ގަންނަން މަޖުބޫރުވާނެ ކަމެއް ކަމަށެވެ.

"އޭގެ އެއް ސަބަބަކީ، ރާއްޖޭގެ ބޭންކުތަކުން، ވިޔަފާރިވެރިންނަށް ބޭނުންވާ ވަރަށް ވެސް، ޑޮލަރު ގަންނަން، ލިބެން ނެތުން،" ޓްރޭޑް އެސޯސިއޭޝަންގެ ބަޔާނުގައިވެ އެވެ.

އެ އެސޯސިއޭޝަނުން ދެކޭ ގޮތުގައި ވިޔަފާރިވެރިން އަގު ދީގެން ޑޮލަރު ގަތުމަށް ކުރާ ހޭދައިގެ ނިސްބަތް އިތުރުވެގެން ދިޔުމަކީ މުދަލުގެ އަގު އުފުލިގެން ދާނެ ކަމެކެވެ.

"މިއީ އިގުތިސޯދީ ގޮތުން، ދަތި ދުވަސްވަރެއްގައި، އަދި ހާއްސަކޮށް ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގެނައުން އެންމެ ރަނގަޅު ބަދަލަކަށް ނުވުމާއެކު، އެމްޕީއެލްގެ މެނޭޖުމަންޓުގެ މި ނިންމުން ބަދަލު ކުރުމަށް މި ޖަމިއްޔާއިން ގޮވާލަން،" ބަޔާނުގައި ގޮވާލާފައިވެ އެވެ.

އެމްޕީއެލް އިން 2011 ވަނަ އަހަރާ ހަމައަށް އެޖެންޓުންގެ އަތުން ފީ ނަގަމުން ދިޔައީ ޑޮލަރުންނެވެ. ނަމަވެސް، އޭރު ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަތުތަކާ ގުޅިގެން އެ އަހަރުގެ ފަހުން ބޯޓުތަކުން ފީ ނަގަން ފެށީ ރުފިޔާއިންނެވެ. އޭގެ ފަހުން އަދި އެ ކަން އޮތީ އެ ގޮތަށެވެ.