Advertisement

މަހާޖައްރާފު ބޭނުންނުކޮށް އޮތުމުން އާމްދަނީން 500 މިލިއަން ރުފިޔާ ގެއްލުނު: އެމްޓީސީސީ

11 މާރިޗު 2024 - 09:23 0

އެމްޓީސީގެ މަހާޖައްރާފު


މަހާޖައްރާފު ބޭނުންނުކޮށް އޮތުމުން އާމްދަނީން 500 މިލިއަން ރުފިޔާ ގެއްލުނު: އެމްޓީސީސީ

11 މާރިޗު 2024 - 09:23 0

އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާޖައްރާފު ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް އޮތުމުގެ ސަބަބުން އާމްދަނީ 510 މިލިއަން ރުފިޔާ ގެއްލި، އަދި އެ އުޅަނދުގެ ހިންގުމުގެ ހަރަދަށް 47 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ އެމްޓީސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖޫން 8، 2022 އިން ފެށިގެން މަހާޖައްރާފު ބޭނުން ނުކޮށް 571 ދުވަސް ހޭދަވި ކަމަށެވެ. އެއީ 19 މަސް ދުވަހެވެ. އެ މުއްދަތުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔައީ ބޭރުން ކޮންނަ ބޯޓެއް ކުއްޔަށް ގެނެސްގެން ކަމަށް ބަޔާނުގައިވެ އެވެ.

މަހާޖައްރާފު ބޭނުން ނުކުރެވޭ ހާލަތަށް ދިޔައީ ތާވަލާ އެއްގޮތަށް މަރާމާތު ނުކުރުމާއި އުޅަނދަށް ބަލަންޖެހޭ މިންވަރަށް ކުރީ މެނޭޖްމަންޓުން ނުބަލައި ފަރުވާކުޑަކޮށްލުން ކަމަށް، މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދާއެކު ކުންފުނި ހިންގަން ހަވާލުވި އާ މެނޭޖުމެންޓުން ތުހުމަތުކުރެ އެވެ.

އެހެންވެ، ބިން ހިއްކުމުގެ މަޝްރޫއުތަކުން ލިބެން އޮތް އާމްދަނީ ވެސް ދަށްވެގެން ދިޔަ ކަމަށް ބަޔާނުގައިވެ އެވެ.

"މަހާޖައްރާފު ބޭނުން ނުކުރެވި މުޅިއެކު 571 ދުވަސް ހޭދެވެފައި ވާއިރު 47 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހިންގުމުގެ ހަރަދުގެ ގޮތުގައި މި މުއްދަތުގައި ވަނީ ކުރަންޖެހިފަ އެވެ. އަދި އާމްދަނީ ގޮތުގައި 510 މިލިޔަން ރުފިޔާ ގެއްލިފައިވާ ކަމުގައި ވެސް މާލީ ހިސާބުތަކުން ފެންނަން އެބަ އޮތެވެ،" ބަޔާނުގައިވެ އެވެ.

އާ މެނޭޖުމެންޓުން މަހާޖައްރާފު މަރާމާތުކޮށް، ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ބޭނުންކުރަން ފެށުމަށް ސަމާލުކަން ދިން ކަމަށާއި މަރާމާތަށް ފަހު އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއުގައި އެ އުޅަނދު މިހާރު ބޭނުންކުރާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އުނގޫފާރަށް 13.07 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 71 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ހެކްޓަރަކަށް އެ ޖެހެނީ 5.4 މިލިއަން ރުފިޔާ އެވެ.