Advertisement

ހުލާސާކޮށް އިއްޔެ: ތޮށިގަނޑު ފަޅާލާފައި ޔާމީން ނުކުތުން

11 މާރިޗު 2024 - 08:40 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ހުޅުމާލޭގައި ރޭ ބޭއްވި އަހުމަދު ލަތީފުގެ ކެމްޕޭނު ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ދަރިފުޅު ޒެއިން ބައިވެރިވެވަޑައިގެންނެވި. --- ފޮޓޯ: މިރާން ނާޝިމް/އަދަދު


ހުލާސާކޮށް އިއްޔެ: ތޮށިގަނޑު ފަޅާލާފައި ޔާމީން ނުކުތުން

11 މާރިޗު 2024 - 08:40 0

ރަށު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ތާއިދުކުރާ ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތެއްގައި އެ މަނިކުފާޏު ރޭ ބައިވެރިވެވަޑައިގަތެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް އިއްވާފައިވާއިރު، އެއީ ނުހައްގު، ހަރާން ހުކުމެއް ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވެ، ވެރިކަން ލިބިވަޑައިގެންފި ނަމަ އެ މަނިކުފާނު މިނިވަން ކުރާނެ ކަމުގެ ވައުދު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތެވެ. ނަމަވެސް އެ ވައުދު ފުއްދެވުން ލަސްވުމާއި، މިހާރު ހައިކޯޓުގައި އޮތް މައްސަލަ ލަސްވަމުންދާތީވެ، ޔާމީންނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ދަނީ ފާޑުކިޔަމުންނެވެ.

މާލޭ ބަންދުގައި ޔާމީން ހުންނަވާއިރު އިތުރު ލުއިތަކެއްގެ ގޮތުގައި ޓީވީ ޕްރޮގުރާމުތަކުގައި ބައިވެރިވުމާއި ޕާޓީ އޮފީހަށް ގޮސް މީހުންނާ ބައްދަލު ކުރުމުގެ ހުއްދަ އަށް އެދިވަޑައިގެންނެވި ނަމަވެސް އެ ފުރުސަތު ނުދޭން ކަރެކްޝަނަލް ސާވިސްއިން ނިންމި އެވެ.

ނަމަވެސް، ކުރިއަށް އޮތް ތަނުގައި މާލެ އާއި ހުޅުމާލޭގައި ބާއްވާ ކެމްޕޭނު ހަރަކާތްތަކުގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނުގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ. ރޭގެ ހަރަކާތަކީ އެފަދަ ފުރަތަމަ ހަރަކާތެވެ،

ޕީއެންއެފް މިހާތަނަށް ރެޖިސްޓްރީ ކޮށްފައި ނުވި ނަމަވެސް އެ ޕާޓީގެ ތާއިދާއެކު އަމިއްލަ ގޮތުން ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ލަތީފްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ދަރިކަލުން އަދި ޕީއެންއެފްގެ އެއް މުއައްސިސް ޒެއިން އަބްދުالله ޔާމީން ބައިވެރިވެވަޑައިގަތެވެ.

އެ ހަރަކާތުގައި ޔާމީން ވާހަކަ ނުދެއްކެވި ނަމަވެސް އެހެން ބައެއް ބޭފުޅުން ވާހަކަ ދެއްކެވި އެވެ. އެގޮތުން, ޑރ. ޖަމީލްގެ ވާހަކައިގައި ޖުޑީޝަރީ އާއި މި ސަރުކާރަށް ފާޑުވިދާޅުވި އެވެ.

ރަށުބަންދުގައި ހުންނެވި ޔާމީން މާލޭގައި އޮންނަ ޕީއެންއެފްގެ އޮފީސް ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. ޕޯޑިއަމްގައި ރަސްމީކޮށް ވާހަކަ ނުދެއްކެވި ނަމަވެސް ހާޒިރީންގެ ތެރޭގައި އިންނަވައި، ޕޯޑިއަމްގައި ވާހަކަ ދައްކަވާ ބޭފުޅުންނާ ސުވާލު އަމާޒުކުރައްވަ އެވެ.

އެ ސުވާލުތަކުގެ ތެރެއިން ޔާމީން ގެންދަވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. އަދި, އާ ޕާޓީ, ޕީއެންއެފަށް މެމްބަރުން އިތުރުކުރެއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރިހަމަ ލުއި މިހާތަނަށް ޔާމީނަށް ދީފައި ނުވާއިރު މިފަދަ ހަރަކާތްތަކުގައި ބައިވެރިވެގެން މިހާތަނަށް އެމަނިކުފާނަށް ފިޔަވަޅު އަޅާފައި ނުވެ އެވެ. އެކަމުގައި ކަރެކްޝަނުގެ ސީދާ ޖަވާބެއް ނެތެވެ.

މުހިއްމު ބައެއް ހަބަރު