11 މާރިޗު 2024 - 08:46 2
ރައްޔާން މުހައްމަދު
11 މާރިޗު 2024 - 08:46 2
އަރި ބިމެއްގައި ބެހެއްޓިފައިވާ މާސިންގާ ގާގަނޑެކެވެ. ބިމުގެ ދަމާބާރަށް ވަކި ހިސާބަކުން ނޫނެކޭ ބުނެ، އިންތަނުން ގުނޑާނުލާތާ އެތައް އަހަރެއްވެއްޖެ އެވެ. މިއީ އިންޑިއާގެ ޓަމަލް ނާޑޫ ސްޓޭޓުގެ މަމަލާޕޫރަމް ގައި ހުރި "ކްރިޝްނާސް ބަޓަބޯލް" ގާގަނޑެވެ. އުސް މިނުގައި 20 ފޫޓު، ފުޅާމިނުގައި 16 ފޫޓުވަރު ހުންނަ، މި ގްރެނައިޓް ގާގަނޑުގައި 250 ޓަނު ހުރެ އެވެ.
ނަމަވެސް މި ގާގަނޑަށް ފަތުރުވެރިން ޒިޔާރަތްކޮށް އަޖައިބުވަނީ މީގެ ބޮޑު ކަމަކުން ނޫނެވެ. މިއަށްވުރެ މާ ބޮޑެތި ގާގަނޑު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަހުއްޓެވެ. އެހެނެއްކަމަކު މި ގާނގަޑު ހާއްސަވަނީ ބޮޑުމިނާއި، ބިމުގައި ޖެހިފައިވާ ހިސާބާއި، ގާގަނޑު އިން ބިމުގެ އަރިކަމާ އެކުވެސް އިންތަނުން ގުނޑާނުލާ ހަރުވެފައި އިނުމެވެ.
ގާގަނޑުގެ ދަށުގައި ބަޔަކު އިށީނދެލައިގެން
ގާގަނޑު ބުޑުން ބިމުގައި ޖެހިފައިވާ ހިސާބުގައި ހުންނަނީ އެންމެ ހަތަރު ފޫޓެވެ. ނަމަވެސް މި އަރިބިމުގައި މި ގާގަނޑު އިންނަނީ ވަރުގަދަ ތެރަހަކުން ތަތްކޮށްފައިވާހާ ވަރުގަދަޔަށެވެ. ކިތަންމެ ބަޔަކު ކޮށްޕިޔަސް ލޮޅުމެއް ވެސް އަރައެއްނުލަ އެވެ.
އިންޑިއާގެ ބައެއް މީހުން ބުނާ ގޮތުގައި، މި ގާގަނޑު ކޮށްޕުމަށް އެންމެ ފުރަތަމަ މަސައްކަތްކުރީ ދެކުނު އިންޑިއާގައި ކުރިން ރަސްކަންކުރި ޕައްލަވާ ރަސްގެފާނެވެ. އެއީ 600 އޭޑީ ގެ މެދުތެރޭގަ އެވެ. އެއަށް ފަހު 1908 ގައި މަދްރަސްގެ ގަވަރުނަރު އާތާ ލޯލީ ވެސް ވަނީ، ގާގަނޑު ވެއްޓި މީހަކަށް އަނިޔާވެދާނެ ކަމުގެ ބިރަށްޓަކައި އޭތި ކޮށްޕާލުމުގެ މަސައްކަތްކޮށްފަ އެވެ.
އެއްފަރާތުން ބަލާއިރު ގާގަނޑު އިންނަ ގޮތް
އެގޮތުން އޭނާ ވަނީ ހަތް އެތް ބޭނުންކޮށްގެން ގާގަނޑު ކޮށްޕުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ގާގަނޑު އޮތްތަނުން އިންޗިއެއް ވެސް ގުނޑާނުލި އެވެ. މީގެ އިތުރުން ދިމާވެފައިވާ ބިންހެލުންތަކާއި ސުނާމީ ފަދަ ގުދުރަތީ ކާރިސާތަކުގައި ވެސް މި ގާގަނޑަކަށް އަސަރެއްކޮށްފަ އެއް ނެތެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާގޮތުގައި މި ގާގަނޑު މިތާ އޮންނަތާ މިހާރު 1200އަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ.
ނަމަވެސް މިހާރު މި ސަރަހައްދަކީ ފަތުރުވެރިން ޒިޔާރާތްކުރާ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެކެވެ. އަދި އިންޑިއާގެ އާކަލޮޖިކަލް ސާވޭ އިން ވެސް ވަނީ މިއީ ނޭޝަނަލް މޮނިއުމެންޓެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. މި ގާގަނޑު ހަގީގަތް މިވަގުތު އެނގެން ނެތް ނަމަވެސް މިއީ އަހަރުމެންގެ ދުނިޔެ އާ މެދު އަޖައިބުކުރުވާނެ ކަންކަން ހުސްނުވާކަމުގެ އަނެއް ހެއްކެކެވެ.
Comment