Advertisement

މިދިޔަ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭން ޖެހިފައި ހުރި ހުރިހާ ފައިސާއެއް ދީފި

11 މާރިޗު 2024 - 10:11 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކޫއްޑޫ ބަނދަރުގައި ދޯނިތަކެއް އަޅާފައި: މިފްކޯއިން މަސް ގަތުމަށް ފަހު ދޭން ޖެހޭ ފައިސާ ނުދީގެން ކޫއްޑޫގައި މަސްވެރިން މުޒާހަރާ ވެސް ކުރި --- ފޮޓޯ: އަދަދު ފައިލް


މިދިޔަ ހުކުރު ދުވަހާ ހަމައަށް މަސްވެރިންނަށް ދޭން ޖެހިފައި ހުރި ހުރިހާ ފައިސާއެއް ދީފި

11 މާރިޗު 2024 - 10:11 0

މިދިޔަ ހުކުރު ދުވަހާ ހަމައަށް މިފްކޯއަށް މަސް ކިރުވުމަށް ފަހު މަސްވެރިންނަށް ލިބެން ޖެހޭ ހުރިހާ ފައިސާ ދީ ހަލާސްކޮށްފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

"މިއަދު ދެވުނު ފައިސާއާއެކު, މަސްވެރިން މިދިޔަ ހުކުރު ދުވަހާ ހަމައަށް ބޭނި ހުރިހާ މަހަށް ފައިސާ ދީ މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ," ރައީސް މުއިއްޒު ރޭ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ލިޔުއްވި އެވެ.

މިދިޔަ މަހު، މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުގެ ކުރިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެއްވެސް ފައިސާއެއް މަސްވެެރިންނަށް ނުލިބޭ ކަމަށް އެމީހުން ބުނެ އެވެ. ސަރުކާރުން ބުނާ ގޮތުގައި، ސަރުކާރާ ހަވާލުވި އިރު ވެސް 250 މިލިއަން ރުފިޔާ ބެކްލޮގުގައި ހުއްޓެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ މައްސަލައަކީ މަސްވެރިން ވަރަށް ގަދައަށް އަބަދުވެސް ދައްކާ ވާހަކައެކެވެ. ރައީސް މުއިއްޒުގެ ވައުދަކީ މަސްވެރިންނަށް ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމެވެ.

މަސްވެރިންގެ ބެކްލޮގް އެއްކޮށް ހަލާސްކުރުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތާ އެއްގޮތަށް އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް އެ ކުންފުނި ވަނީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ.

ސެޕްޓެމްބަރު 16, 2023 ގައި ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ދޭތެރެއިން މަހުގެ އަގު 25ރ. އަށް ބޮޑުކުރި އެވެ. މި ސަރުކާރުން ދެކޭ ގޮތުގައި އެއީ "ސިޔާސީ" ބޭނުމަށް ގެނައި ބަދަލެކެވެ. އަދި އެ އަދަދަށް މަސްވެރިންގެ އަތުން މަސް ގަނެވެން ނެތް ކަމަށް ސަރުކާރުން ބުނެ އެވެ. މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން މަހުގެ އަގު 20ރ. އަށް ވެސް ކުޑަކޮށްފަ އެވެ.

ސަރުކާރުން މިހާރު ދޭ ޔަގީންކަމަކީ މަސް ގަންނަ އަގު 20ރ. އަށް ވުރެ ކުޑަ ނުވާނެ ކަމެވެ.