Advertisement

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ނިޔާޒު އިންތިހާބުކޮށްފި

10 މާރިޗު 2024 - 18:41 0

ނިމާ ހަސަން

ނިމާ ހަސަން

ހައިކޯޓުގެ ފަނޑިޔާރު ނިޔާޒު; އޭނާ ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވާ ކުރެއްވީ މެއި 11, 2022 ގައި --- ފޮޓޯ: ރައީސް އޮފީސް


ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ނިޔާޒު އިންތިހާބުކޮށްފި

10 މާރިޗު 2024 - 18:41 0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ވައިސް ޗެއާޕާސަންގެ މަގާމަށް ހައިކޯޓުގެ ފަރާތުން އެ ކޮމިޝަނުގައި އިންނަވާ ފަނޑިޔާރު މުހައްމަދު ނިޔާޒު އިންތިހާބު ކޮށްފި އެވެ.

ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

ފަނޑިޔާރު ނިޔާޒް ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެ އެވެ. އޭގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަން ވެސް އޭނާ ކުރައްވާފައިވެ އެވެ.

ޖޭއެސްސީގެ ވައިސް ޗެއާޕާސަންގެ މަގާމަށް ނިޔާޒް އިންތިހާބުކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝަތު ޝުޖޫންގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ފަރާތުން އެ ކޮމިޝަނަށް ހުސްނުއްސުއޫދު އައްޔަނު ކުރެއްވުމުން, ވައިސް ޗެއާޕާސަންގެ މަގާމު ހުސްވުމުންނެވެ.

ކޮމިޝަނުގައި ސުޕްރީމް ކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރު ބަދަލު ކުރި ސަބަބެއް އަދި ނޭނގެ އެވެ.

ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓުން އިންތިހާބުކުރާ އެ ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން އިންތިހާބުކުރާ ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލެއްގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ވެސް ޖޭއެސްސީގައި ހިމެނެ އެވެ.