Advertisement

ސިޓީ އާއި ލިވަޕޫލް އެއްވަރުވެ ފައިދާ އާސެނަލަށް

11 މާރިޗު 2024 - 01:32 0


ސިޓީ އާއި ލިވަޕޫލް އެއްވަރުވެ ފައިދާ އާސެނަލަށް

11 މާރިޗު 2024 - 01:32 0

ލިވަޕޫލް (މާޗް 11) - އިނގިރޭސި ޕްރިމިއާ ލިގުގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމާ އެކު، ލީގު ތާވަލުގެ އެއް ވަނައިގައި އޮންނަން އާސެނަލަށް ފުރުސަތު ލިބިއްޖެ އެވެ.

ސިޓީ އާއި ލިވަޕޫލް ކުޅުނު މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް ލީގު ތާވަލުގެ އެއް ވަނަ އަށް އަރަން ފުރުސަތު އޮތީ ހުޅުވިފަ އެވެ. އެކަމަކު، އެއްވަރުވުމުން، އާސެނަލަށް އެއް ވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. އެ ގޮތުން، އެއް ވަނައިގައި އޮތް އާސެނަލާއި ދެ ވަނައިގައި އޮތް ލިވަޕޫލަށް 28 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް ކުރީގައި އޮތީ ލިވަޕޫލަށް ވުރެ ހަތް ފައިދާ ގޯލު އިތުރުވުމުންނެވެ. ތިން ވަނައިގައި އޮތް ސިޓީ އަށް ވަނީ 28 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ.

ލީގުގެ ހަތަރެއްގައި އޮތް އެސްޓަން ވިލާ ދަނޑުގައި ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ވަނީ 4-0 އިން މޮޅުވެފަ އެވެ. އެސްޓަން ވިލާ އަށް 28 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް، ޓޮޓެންހަމް އަށް ވަނީ، 27 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް ހަތް ވަނައިގައި އޮތީ، 28 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ސިޓީން ލީޑުނެގީ ޖޯން ސްޓޯންސް ޖެހި ގޯލުންނެވެ. މިއީ، މެޗުގެ 23 ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ނެގި ކޯނަރަކުން ސްޓޯންސް ކުޑަ އޭރިއާތެރެއިން ޖެހި ގޯލެކެވެ. ލިވަޕޫލުން އެއްވަރުކުރީ ދެ ވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އަލެކްސިސް މެކް އަލިސްޓާ ޖެހި ލަނޑުންނެވެ. މިއީ، ލިވަޕޫލްގެ ޑާވިން ނޫނޭޒަށް ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އެ ފައުލުކުރިއިރު، އެޑަސަން ފަޔަށް ލިބުނު އަނިޔާއަކާ ހެދި ބަދަލުކުރަން ޖެހުނެވެ. ބަދަލަކަށް ކުޅެން އެރި ސިޓީގެ ކީޕަރު ސްޓެފަން އޯޓޭގާ ވަނީ ލިވަޕޫލްގެ ނޫނޭޒް ޖެހި ބޯޅައެއް ހުއްޓުވައިފަ އެވެ. ލިވަޕޫލް މޮޅުކޮށްދޭން އެންމެ ހުސް ދެ ފުރުސަތު ލިބުނީ ލުއިސް ޑިއާޒް އަށެވެ. އެކަމަކު، ޑިއާޒަށް ދެ ފަަހަރު ވެސް ގޯލާ ސީދާކޮށް ބޯޅަ ފޮނުވާނުލެވުނެވެ.

ސިޓީ އަށް އަލުން ލީޑުނަގައިދޭން އެޓޭކެއްގައި ފިލް ފޯޑެން ގައިގައި ޖެހިފައި ބޯޅައެއް ހުރަސްދަނޑިއަށް އަމާޒުވިއިރު، ބަދަލަކަށް ކުޅެން އެރި ސިޓީގެ ޖެރެމީ ޑޯކޫ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ އިތުރު ވަގުތުގައި ސިޓީގެ ޑޯކޫ ބޯޅައިގައި ޖަހަން އުޅުމުގެ ތެރޭގައި ލިވަޕޫލްގެ މެކް އަލިސްޓާ މޭމަތީގައި ފައިން ޖެހެ އެވެ. އެކަަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ. އެ ނިންމުމާ މެދު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.