Advertisement

ބްރެންޓްފޯޑް ބަލިކޮށް އާސެނަލް ތާވަލްގެ އެއް ވަނަ އަށް

10 މާރިޗު 2024 - 09:20 0


ބްރެންޓްފޯޑް ބަލިކޮށް އާސެނަލް ތާވަލްގެ އެއް ވަނަ އަށް

10 މާރިޗު 2024 - 09:20 0

ލަންޑަން (މާޗް 10) - މެޗުގެ ފަހުކޮޅު އާސެނަލްގެ ފޯވަޑް ކައި ހަވާޓްޒް ޖެހި ލަނޑާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އަތުން 2-1 އިން މޮޅުވެ، އާސެނަލް ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ފުރަތަމަ އާސެނަލް އެއް ވަނަ އަށް ޖެހިލީ 64 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި 63 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތްއިރު، 62 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ސިޓީއެވެ.

ލީގުގައި މިރޭ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާއިރު، މި މެޗުން މޮޅުވާ ޓީމެއް ތާވަލްގެ އެއް ވަނަ އަށް ޖެހިލާނެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލް އިން ލީޑު ނެގީ 19 ވަނަ މިނިޓުގައި ޑެކްލަން ރައިސް ޖެހި ލަނޑުންނެވެ. މިއީ، އޭރިއާތެރެއަަށް ބުކާޔޯ ސަކާ ހުރަސްކޮށްދިން ބޯޅައަކަށް އަރައި، ރައިސް ބޮލުން ޖެހި ގޯލެކެވެ.

އެކަމަކު، މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް، އާސެނަލްގެ ގޯލްކީޕަރު އަރޮން ރަމްސްޑޭލަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ބްރެންޓްފޯޑްގެ އަށް ނަތީޖާ އެއްވަރުކޮށްދިނީ ޔޮއާން ވިއްސާ އެވެ.

އާސެނަލް މެޗުން މޮޅުވީ މެޗުގެ 86 ވަނަ މިނިޓުގައި ހަވާޓްޒް ޖެހި ލަނޑުންނެވެ.

މިއީ އާސެނަލް ލީގުގައި ޖެހިޖެހިގެން މޮޅުވި އަށް ވަނަ މެޗެވެ. މި އަހަރު ފެށުނު ފަހުން ލީގުގައި ކުޅުނު ފުތަތަމަ 7 މެޗުގައި އާސެނަލް ވަނީ 31 ލަނޑު ޖަހައިފަ އެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ޖެހިޖެހިޖެގެން 8 މެޗުން މޮޅުވެވޭނީ ީޓމުގައި "ގިނަ ކޮލިޓީތަކެއް" ހުރުމުން ކަމަށެވެ.

"އެންމެ މުހިނމު ކަމަކި އެއް ފެންވަރެއްގައި ހިފެހެއްޓުން. އަދި އަބަދުވެސް ކުރިއަށްވުރެ ރަނގަޅު ނަތީޖޖާއެއް ބޭނުންވުމަކީ މި ކަހަލަ މެޗުތަކަށް ނުކުންނައިރު ޓީމުގެ ޕާފޯމަންސް ރަނގަޅުވާނެ ކަމެއް،" އާޓެޓާ ބުންޏެވެ.

އާސެނަލަށް ރޭ މޮޅުވި ގޯލު ޖަހައިދިން ހަވާޓްޒް ދަނޑުމަތީގައި ހުރީ ނަސީބަކުން ކަމަށް ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ވަނީ ބުނެފަ އެވެ. ފްރޭންކް ބުނީ، ހަވާޓްޒް އަށް ދެ ވަނަ ހާފުގައި ޕެނަލްޓީ ހޯދަން ޑައިވްކުރުމުން ރީނދޫ ކާޑަކާ އެކު، ރަތް ކާޑެއް ދައްކަން ޖެހޭ ކަމަށެވެ.