Advertisement

އަޅުގަނޑު ކުރިމަތީ ހުރިހާ ރައްޔިތުން ހަމަހަމަ، ސިޔާސީ ފިކުރު މުހިންމެއް ނޫން: ރައީސް

9 މާރިޗު 2024 - 22:42 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު


އަޅުގަނޑު ކުރިމަތީ ހުރިހާ ރައްޔިތުން ހަމަހަމަ، ސިޔާސީ ފިކުރު މުހިންމެއް ނޫން: ރައީސް

9 މާރިޗު 2024 - 22:42 1

އެމީހެއްގެ ސިޔާސީ ފިކުރު މުހިންމު ނޫން ކަމަށާއި އެންމެން ވެސް އެމަނިކުފާނުގެ ކުރިމަތީގައި ހަމަހަމަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިއަށް އޮއްވައި، ރައީސް ރަށްރަށަށް ކުރައްވާ ދަތުރުގައި ޅ. ހިންނަވަރަށް ވަޑައިގެން ވިދާޅުވީ، އެމަނިކުފާނަށް "ކޮންމެ ރައްޔިތަކު" ވެސް މުހިންމު ކަމަށެވެ.

"ކޮންމެ ސިޔާސީ ވިސްނުމެއްގައި ބަޔަކު ތިއްބަސް، އަޅުގަނޑުގެ ކުރިމަތީގައި ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަ. އެ މީހެއްގެ ސިޔާސީ ވިސްނުމަކީ، އަޅުގަނޑަކަށް މުހިންމު އެއްޗެއް ނޫން. ކޮންމެ ރައްޔިތަކު، ކިތަންމެ އާބާދީ ކުޑަ ރަށެއްގައި ހުއްޓަސް، ކިތަންމެ އާބާދީ ބޮޑު ރަށެއްގައި ހުއްޓަސް އަޅުގަނޑަށް މުހިންމު،" ރައީސް ވިދާޅުވި އެވެ.

އެ ވާހަކަ ރައީސް ވިދާޅުވީ، ހިންނަވަރަކީ އިދިކޮޅުގެ ކޮންޓްރޯލް އޮންނަ ރަށެއް ކަމަށް ބުނާއިރު ވެސް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ވިދާޅުވުމަށްފަހެވެ.

"ވަރަށް ޒަމާންތަކެއް ވެއްޖެ، ހިންނަވަރުގައި މިހެން ކުރަންހުރި ކަންތައްތަކެއް ނުކުރެވި، ނުނިމި، ކުރަން ކުރަން ހުންނަތާ. އުންމީދުގައި ތިބޭތާ. ވަކި ބަޔަކު، ތިމަންނަމެންގެ މިލްކެއްގެ ގޮތުގައި، ތިމަންނަމެންގެ ފުލް ކޮންޓްރޯލްގެ އޮތް ތަނެއްގެ ގޮތުގައި ބަލައި، އެހެން ނަމަވެސް، ކަންކަން ނުވެ އޮތް މައްސަލަ ވެސް އެބަ އޮތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރާނީ ހިންނަވަރަށް ނުގެނެސްދެވި ހުރި ހުރިހާ ތަރައްގީއެއް ގެނެސްދެއްވުމަށް ކަމަށެވެ.

"ހިންނަވަރުގައި މިހާތަނަށް ހަގީގަތަކަށް ނުވެ ގޮސްފައިވާ ހުރިހާ މަސައްކަތްތަކެއް ނިންމައިދީ، ހިންނަވަރަށް ހޯދައިދޭންޖެހޭ ފުރިހަމަ ހައްގު އިރާދަކުރެއްވިއްޔާ އަޅުގަނޑު ހޯދައިދޭނަން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބައިވަރު ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ސަރުކާރުން ކުރަން ބޭނުންވާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ މެންބަރުން ހޮވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ އިސްލާހުތައް ގެނެވޭނީ، އެކަމަށް އެއްބާރުލުން ދޭކަހަލަ މަޖިލީހެއް، ރައްޔިތުން ހޮއްވަވައިދެއްވައިފިއްޔާ. އެކަމަށް ސަމާލުކަން ދެއްވުމަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.