ސަރުކާރުން ރޯދައަށް ދޭ ކާޑު ބަހަން ފަށައިފި

ހިލޭ ކާޑު ބެހުމުގެ މަސައްކަތް މާލޭ ގޮލޮޅު ދަނޑުގައި ކުރިއަށް ދަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ހިލޭ ކާޑު ބެހުމުގެ މަސައްކަތް މާލޭ ގޮލޮޅު ދަނޑުގައި ކުރިއަށް ދަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ކުރިއަށް އޮތް ރޯދަ މަހުގެ ބޭނުމަށް ހިލޭ ބަހަން ސަރުކާރުން ނިންމާފައިވާ ފުށާއި ހަނޑޫ މިއަދު ބަހަން ފަށައިފި އެވެ.

ސަރުކާރުން ދޫކުރާ ކާޑު ބަހަން މާލޭގައި ފެށީ މިއަދު ހެނދުނު 10:00 ގަ އެވެ. އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކާޑު ބަހަމުން ގެންދާނެ ކަމަށެވެ. ނަމަވެސް މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު ކާޑު ބެހުމުގެ މަސައްކަތް ކުރިއަކަށް ނުގެންދާނެ އެވެ.

މާލޭގައި ކާޑު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި އެސްޓީއޯ ގުޅިގެންނެވެ. އެކަމަށް ހާއްސަކޮށް މާލެ ސަރަހައްދުގައި ވަނީ ހަ ސަރަހައްދެއްގައި ސްޓޭޝަންތަކެއް ގާއިމުކޮށްފަ އެވެ.

މާލޭ ސަރަހައްދުގައި މި ދެދުވަހު ކާޑު ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ. ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވަނީ ހެނދުނު 9:30 އިން މެނދުރު 13:00 އަށެވެ. އަދި ރޭގަނޑު 21:00 އިން 23:30 އަށެވެ.

އެ ސްޓޭޝަންތަކަކީ:

  • ގަލޮޅު ދަނޑު
  • މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭބައި
  • ސޯޝަލް ސެންޓަރު
  • ބިއްރި މިސްކިތް ހޯލް - ވިލިމާލެ
  • އުމަރު ޒާހިރު ބިލްޑިން - ހުޅުމާލެ ފޭސް-1
  • ހިޔާ ފްލެޓް ޓަވަރު 10 ޔޫތު ސެންޓަރު - ހުޅުމާލެ ފޭސް-2

ކާޑު ދޫކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފެށިއިރު، ރަށްރަށަށް ފޮނުވާ ކާޑު މިހާރު ވަނީ ރަށު ކައުންސިލުތަކާ ހަވާލުކޮށްފަ އެވެ. ކާޑު ބެހުމުގެ މަސައްކަތް ރަށްރަށުގައި ކުރިއަށް ގެންދާނީ ރަށު ކައުންސިލުތަކުންނެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކުން ހިލޭ ކާޑު ބަލައި ދާއިރު، އެމީހެއްގެ އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ލައިސެންސް ކާޑު ގެންދަން ޖެހޭނެ އެވެ. ކާޑު ދޫކުރުމުގައި ބަލާނީ ކޮންމެ ގޭބިސީއެއްގެ ވެސް ކަރަންޓު މީޓަރު ނަންބަރަށެވެ.

މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ރޯދަމަހު ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަހަރު ސަރުކާރުން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ދިނުމަށެވެ. ނަމަވެސް އަންނަ އަހަރު އެ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް އެދުވަހު ވިދާޅުވި އެވެ.

ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން 10 ކިލޯ ހަނޑުލާއި ފުށް، ދޭން ނިންމުން، ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް ވަނީ އަމާޒުވެފަ އެވެ. ބައެއް މީހުންގެ ހިޔާލުގައި ހަނޑުލާއި ފުށަށްވުރެ މަސްދަޅު ނޫނީ ކަދުރު ބަހާނަމަ މާރަނގަޅު ވީހެވެ.

ކުރިންސުރެ ވެސް ރާއްޖޭގައި ކާޑުގެ ބާވަތްތައް ވިއްކަމުން އައީ ކޮންޓްރޯލް އަގެއްގައި ސަރުކާރު ސަބްސިޑައިޒް ކޮށްގެންނެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމިން ގެ ސަރުކާރުން ސަބްސިޑީ ކަނޑައިލައި ކާޑުގެ ބާވަތްތަކުގެ އަގު، ދެ ގުނަ ބޮޑުކުރި އެވެ.

ސަރުކާރުން އޭރު ކާޑުގެ އަގު ބޮޑުކުރުމުގެ ސަބަބުން، ރައްޔިތުންނަށް އެކަން ވަރަށް ބޮޑު ބުރަ އަކަށް ވެފައި އޮއްވައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ އަގު އެއް ހަމަކޮށް، އަގު ހެޔޮކުރީ ރައީސް އިބްރީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

ރާއްޖޭގައި ހަނޑުލާއި ފުށް ވިއްކާ ރޭޓަށް ބަލާއިރު، 10 ކިލޯ ގެ ހަނޑުލަށް ހަރަދުވާނީ 48ރ. އެވެ. އަދި 10 ކިލޯގެ ފުށަށް 38ރ. އެވެ. އެއީ ޖުމްލަ 86ރ. އެވެ. އެހެން ކަމުން 81،744 ގޭބިސީ އަށް، ހަނޑުލާއި ފުށް ދިނުމަށް ހަރަދުވާނީ ހަތް މިލިއަން ރުފިޔާ އެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، ބޮލަކަށް ސަރުކާރުން އެ ދެނީ 13.6ރ. ގެ ކާޑެވެ. ރާއްޖޭގެ އާބާދީ އަކީ 515،132 އެވެ.

ސަރުކާރުން 2019 ވަނަ އަހަރު ކުރި، ގޭބިސީތަކުގެ ހަރަދުގެ ސާވޭއިން ދައްކާ ގޮތުގައި ކޮންމެ ގޭބިސީ އެއްގައި އެވަރެޖުކޮށް، 3-7 މީހުން ދިރިއުޅޭއިރު، މަހަކު 28،251ރ. ހަރަދަށް ހިނގަ އެވެ. އޭގެތެރެއިން އެވަރެޖްކޮށް 6،591ރ. ހޭދަ ވަނީ ކެއިން ބުއިމަށް ކަމަށް އެ ސާވޭއިން ދައްކަ އެވެ. ރޯދަ މަހަކީ، އެހެން މަސްތަކަށްވުރެ ކެއިންބުއިމުގެ ހަރަދު ބޮޑު މަހެކެވެ.

އާންމު މިންގަޑަކުން ބަލާއިރު، 10 ކިލޯ ހަނޑުލަކީ 60 މީހުންގެ ކޮއްތެވެ. އަދި 10 ކިލޯގެ ފުށުން 250-300 އާ ދެމެދުގެ އަދަކަށް ރޮށި ފިހެވޭނެ އެވެ. އެހެންކަމުން، ސަރުކާރުން ދޭ 10 ކިލޯގެ ހަނޑުލާއި ފުށުން، ތިން ހަތަރު މިހުންގެ އާއިލާ އަކަށް މަސް ދުވަހަށް ފުއްދާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox