Advertisement

ރަސްމީކޮށް އަންގާފައި އޮތް ނަމަވެސް ރައީސް ވިދާޅުވީ އެސްޓީއޯގެ މެނޭޖަރެއް ޑީމޯޓް ކުރީ އެމަނިކުފާނަށް ފާޑުކިޔައިގެން ނޫން ކަމަށް

9 މާރިޗު 2024 - 13:07 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : ސިޓީގައި އެހެން އޮތް ނަމަވެސް ރައީސް ވިދާޅުވީ އެސްޓީއޯ މުވައްޒަފެއްގެ މަގާމު ދަށްކުރީ އެމަނިކުފާނަށް ފާޑުކިޔައިގެން ނޫން ކަމަށް - ފޮޓޯ: ރައީސް އޮފީސް


ރަސްމީކޮށް އަންގާފައި އޮތް ނަމަވެސް ރައީސް ވިދާޅުވީ އެސްޓީއޯގެ މެނޭޖަރެއް ޑީމޯޓް ކުރީ އެމަނިކުފާނަށް ފާޑުކިޔައިގެން ނޫން ކަމަށް

9 މާރިޗު 2024 - 13:07 2

އެސްޓީއޯގެ ރީޖަނަލް ފާމަސީތަކުގެ މެނޭޖަރު ޑީމޯޓު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިޔައިގެން ކަމަށް އޭނާއަށް ފޮނުވި ސިޓީގައި ބުނެފައި އޮތް ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް ރައީސް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން މިއަދު ޅ. ކުރެންދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ސަރުކާރަށް ފާޑުކިޔާ މީހުންނަށް ފިޔަވަޅު އެޅުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި އެ ހަބަރު ނޫހަކުން ފެނިގެން އެސްޓީއޯގެ އެމްޑީއާ އެމަނިކުފާނު ސުވާލު ކުރެއްވިން ކަމަށެވެ.

"އެމްޑީ ވިދާޅުވީ އެކަހަލަ ކަމެއް ނޫނޭ އެއަށްވުރެ ސީރިއަސް ކަންތައްތަކެކޭ، ތިމަންނަމެން ކުންފުނީގެ އޮންނަ އުސޫލުތަކާއި ތިމަންނަމެން ކުންފުނީގަ އޮންނަ ޕޮލިސީގެ ތެރެއިން ކުރިއަށް ގެންދިޔަ ކަންތައްތަކެކޭ އޮންނާނީ ގެންގޮސްފަ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް ފާޑުކީ ކަމަށް ބުނެ ފާމަސީގެ މެނޭޖަރުގެ މަގާމުން ސްޓޮކު ބަލަހައްޓާ މީހެއްގެ މަގާމަށް ބަދަލު ކުރީ ގދ. އަތޮޅުގެ ފާމަސީތަކުގެ މެނޭޖަރު އަހުމަދު ޝިޔާޒް ނައީމް އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ ސޮއިކުރައްވައި ޝިޔާޒަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ "ރައީސުލްޖުމްހުރިއްޔާ އަށާއި ސަރުކާރުގެ އިސްފަރާތްތަކަށް ނިސްބަތްވާ ގޮތަށް ޒިންމާދާރުކަން ކުޑަގޮތަކަށް ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓުތަކަކީ އަހުމަދު ޝިޔާޒު ފަދަ ޒިންމާދާރު މަގާމެއްގައި ކުންފުނި ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މުވައްޒަފެއް ފަރާތުން އެއްގޮތަކަށް ވެސް އަމަލެއް ނޫން" ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒު މިއަދު ވިދާޅުވީ މެނޭޖަރު ޑީމޯޓު ކުރި ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީ ގާތު އެދިފައިވާނެ ކަމަށާއި މިކަމާ ގުޅިގެން ވެސް ފަތުރަނީ ދޮގު ހަބަރުތަކެއް ކަމަށެވެ.

"މި ފެންނަނީ ވަރަށް ބޮޑަށް ހަގީގަތް އޮޅުވާލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާތަން. އެހެންވީމަ ކަންކަން ސާފުކޮށް ދެވެންޖެހޭ އެބަ، ރައްޔިތުންނަށް އިނގެން ޖެހޭ އެބަ ހަގީގަތް،" ރައީސް ވިދާޅުވި އެވެ.