Advertisement

ބިންވެރިޔާ ސްކީމް: ދޫކޮށްލާ ގޯތީގެ ރަޖިސްޓްރީ ބަދަލުކޮށްފިނަމަ އާ ގޯތި ނުލިބޭނެ


ބިންވެރިޔާ ސްކީމް: ދޫކޮށްލާ ގޯތީގެ ރަޖިސްޓްރީ ބަދަލުކޮށްފިނަމަ އާ ގޯތި ނުލިބޭނެ

ބިންވެރިޔާ ސްކީމުން ލިބޭ ގޯތި އެގްރީމަންޓުގައި ސޮއިކޮށްފައިވާ މީހެއްނަމަ ދޫކޮށްލާން އެއްބަސްވި ގޯތީގެ ރަޖިސްޓްރީއަށް ބަދަލު އަންނަ އެއްވެސް މުއާމަލާތެއް ހިންގައިފިނަމަ އެގްރީމަންޓް ބާތިލުވާނެކަމަށް ހައުސިން މިނިސްޓްރީން މާލޭ ސިޓީކައުންސިލަށް އަންގައިފި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ޝަރުތުތަތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި އެމީހެއްގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެެއް އޮތްނަމަ އެ ދޫކޮށްލަންޖެހެ އެވެ. އަދި މާލެ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ގޯއްޗެއް އެހެން މީހަކަށް ދީފައި ނުވަތަ ވިއްކާލާފައިވާ މީހަކަށް ވެގެންނުވާނެ ކަމަށް އޮވެ އެވެ.

އެ ސްކީމުން ޝަރުތު ހަމަވެ ގޯތި ލިބުނު ފަރާތްތަކާއެކު އެގްރީމަންޓުގައި ސޮއިކޮށް, ގިނަ ބަޔަކަށް މިހާރު ވަނީ ރަޖިސްޓްރީވެސް ހަވާލުކޮށްފަ އެވެ.

ނަމަވެސް ޖެނުއަރީ 28، ގައި ހައުސިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައި އޮތީ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ އެއްވެސް މީހަކު ދޫކޮށްލަންޖެހޭ ޖެހޭ ބިމުގެ ރަޖިސްޓްރީ އަމިއްލަކުރުން، ވިއްކާލުން ނުވަތަ ހިބައިން ދިނުންފަދަ އެއްވެސް މުއާމަލާތެއް ހިންގައިފިނަމަ ބިންވެރިޔާ ސްކީމަށް އެމީހަކު ޝަރުތުހަނުވާކަމަށް ނިންމައި ގޯތި އެއްބަސްވުން ބާތިލުކުރާނެ ކަމަށެވެ.

އެފަދަ މުއާމަލާތެއް ކުރުމަށް ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހަކު ސިޓީ ކައުންސިލަށް ހުށަހަޅައިފި ނަމަ އެމުއާމަލާތް ހުއްޓުވުމަށް މިނިސްޓްރީން ވަނީ ސިޓީ ކައުންސިލަށް އަންގާފަ އެެވެ.

އެ ސިޓީ ސޯޝަލް މީޑިއާ އެކްސްގައި އާއްމުކުރައްވަމުން މާލޭ ސިޓީކައުންސިލްގެ މެމްބަރު ސައިފް ފާތިހު ވިދާޅުވީ ހައުސިން މިނިސްޓްރީން އެހެން އަންގާފައި އޮތްކަން ފާހަގަކުރަން ޖެހުނީ އެތައް ބަޔަކު ރަނގަޅަށް އޮޅުންނުފިލާ ތިބެ ގޯއްޗާބެހޭ އެކި މުއާމަލާތްތައް ހިންގަމުން އަންނަ އިރު މިނިސްޓްރީ "ހަނުއޮތީމަ" އެވެ.