Advertisement

މުއިއްޒު އެކަނިވެއްޖެ، އެންމެން ހިނގައްޖެ: ނަޝީދު

ރައީސް މުއިއްޒު އަދި ކުރީގެ ރައީސް ނަޝީދު، ނަޝީދު ވިދާޅުވީ މަޖިލީސް އިންތިހާބުން ސިޔާސީ މަޝްރަހު އޮތްގޮތް ސާފުވާނެ ކަމަށް ---


މުއިއްޒު އެކަނިވެއްޖެ، އެންމެން ހިނގައްޖެ: ނަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު އަރިހުގައި ތިބި އެންމެން މިހާރު އެ މަނިކުފާނު ދޫކޮށްލައިފި ކަމަށާއި މިހާރު ރައީސް ހުންނެވީ މުޅިން އެކަނިވެރިވެފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން، ގާނާގައި ދިރިއުޅުއްވާ ނަޝީދު ވަނީ އިންޑިއާގެ ރިޕަބްލިކް ނަަމަކަށް ކިޔާ ޓީވީ ޗެނަލެއްގެ ޕްރޮގްރާމެއްގައި "ރައީސް މުއިއްޒުގެ ވެރިކަން ވެއްޓިނާތޯ ނަޝީދާ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އާދެވުނީ ދެ ސަބަބަކާ ހެދި ކަމަށެވެ.

އެއްކަމަކީ ރައީސް ސާލިހުގެ ބަލިކަށިކަމުންނާއި އެމްޑީޕީ ތެރޭގެ ކޯޅުންގަނޑުގައި ޕާޓީ ދެބައިވެ ނަޝީދުގެ ސަޕޯޓަރުންވެސް ފަހުން ރައީސް މުއިއްޒަށް ތާއީދުކުރުމެވެ. ދެވަނަ ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދު ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މިހާރު ހާލަތު މުޅިން ބަދަލުވެއްޖެ ކަމަށާއި އެ އެންމެން ރައީސް މުއިއްޒާ ދޫކޮށްލައިފި ކަމަށާއި ޕީޕީއެމް/ޕީއެންސީވެސް އޮތީ ބައިބައިވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިހާރު އެ އެންމެން ރައީސް މުއިއްޒު ދޫކޮށް ހިނގައްޖެ، ރައީސް ޔާމީން ފެޔަށް ޖެހިވަޑައިގެންނެވުމުން މުއިއްޒުގެ އަމިއްލަ ޕާޓީ އޮތީ ބައިބައިވެފަ، މުއިއްޒު އަރިހުގައި އެކަކަވުސް ނެތް، އެ އެ ހުރީ ވަރަށް ބޮޑަށް އެކަހެރިވެފައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުން ސިޔާސީ މަޝްރަހު އޮތްގޮތް ސާފުވާނެ ކަމަށެވެ.

އެ ފޯރަމްގައި ރާއްޖެ- އިންޑިއާ ގުޅުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަދައްކަވަމުން ނަޝީދު ވަނީ އިންޑިއާއާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފަ އެވެ.

އިންޑިއަކީ "ބުލީ" އެއްކަމަށް ދޭހަވާ މޭރުމަކުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށްވެސް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ ބުލީ އެއް ނަމަ ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން އިންޑިއާ ސިފައިން ބޭލުމުގެ ކަންތައް އިންޑިއާ ފަދަ ބާރުގަދަ ގައުމަކުން ނުކުރާނެ ކަމަށެވެ.