Advertisement

މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުކަން މިހާ ދަށްވި މިއީ ފުރަތަމަ ސަރުކާރު: އިންތި

8 މާރިޗު 2024 - 09:54 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި.އޭނާ މިފަހަރު ވެސް މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ފޮޓޯ:މަޖިލީހުގެ އިދާރާ


މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުކަން މިހާ ދަށްވި މިއީ ފުރަތަމަ ސަރުކާރު: އިންތި

8 މާރިޗު 2024 - 09:54 1

ރައީސް ޑރ.،މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުކަން އެންމެ ދަށަށް ދިޔަ ސަރުކާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ސިފަކުރައްވައިފި އެވެ.

މެންބަރު އިމްތިޔާޒް ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އަކީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ޑރ.މުއިއްޒަށް ކާބިޔާބުކޮށްދޭން މަސައްކަތް ކުރި ޕާޓީ އެކެވެ. އަދަދު ނޫހުގެ "އެއްޗެއް ކަޅެއް" ޕްރޮގްރާމްގައި ސަރުކާރާ ބެހޭ ގޮތުން ދެއްކެވި ވާހަކަ ފަށްޓަވަމުން އިމްތިޔާޒް އެކަން ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ މަގުބޫލުކަން ދަށްވި ސަަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ހެދި ގޯސްތައް ގިނަވުމެވެ.

"މިސަރުކާރު [އަޅުގަނޑަށް] ފާހަގަކުރެވެނީ މިއީ ފުރަތަމަ ސަަރުކާރު ކަންނޭނގެ މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ހަނީމޫން ދުވަސްކޮޅުގެ ތެރޭގައި ޕޮޕިއުލާރިޓީ މިމިންވަރަށް ދަށްވި ފުރަތަމަ ސަރުކާރު ކަންނޭނގެ [މިއީ]،" އިމްތިޔާޒް ވިދާޅުވި އެވެ.

އެހެން އެކަން ދިމާވީ ސަރުކާރުގެ ގޯސްތައްް ގިނަވެގެން ކަމަށް ވިދާޅުވެ، އޭނާ ތުހުމަތުކުރެއްވީ "ކުރިން ދެއްކި ވާހަކައާއި މިހާރު އަމަލުކުރަމުންދާ ގޮތް" ދިމާ ނުވާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ސީދާ އިތުރުފުޅު ހައްދަވާކަމަށް ވިދާޅުވާން އޭނާ ދެކޮޅު ހެއްދެވި އެވެ.

"ދެން ބޭފުޅަކު ދޮގު ހަދައި، އިތުރުފުޅު ހަދައެކޭ ނޫން މި ދަންނަވަނީ، ސިޔާސަތު ހިންގެވުމުގަޔާއި އިންތިހާބުގެ ކުރީގައި [ކުރައްވާނެ ކަމަށް] ވިދާޅުވީ ކަންތައްތަކާ މިކަންތައްތަކުގައި ވަރަށް ބޮޑެތި ހިލާފުތައް އެބަހުރިކަން އެބަ އެނގޭ،" އިމްތިޔާޒް ވިދާޅުވި އެވެ.

އޭގެ އެއް މިސާލަކީ އޭނާ ވިދާޅުވި ގޮތުގައި އެ ބޭފުޅެއްގެ ނަން ބޭނުންކޮށްގެން ކެމްޕޭން ކުރި، ޕީޕީއެމްގެ ކުރީގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރަން ވީ ވައުދާ މެދު އަމަލުކުރި ގޮތެވެ. ޔާމީނު މިނިވަން ކުރަން ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ނުކުރާ ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވާ ކަން އިމްތިުޔާޒް ފާހަގަކުރެއްވި އެވެ.

ސަރުކާރު ހިންގުމުގައި ދަ ޑިމޮކްރެޓްސް ޝާމިލުކޮށް، ސިޔާސަތު ކަނޑައެޅުމުގައި އެޕާޓީގެ ވިސްނުން ބޭނުން ނުކުރުމަކީ ވެސް ބަހާ އަމަލާ ދިމާނުވުމުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވި އެވެ. މަސްވެރިން ކިރުވި މަހަށް އަގުގެ ގޮތުގައި ދޭން އޮތް ފައިސާ ދީ ހަލާސްކުރުމަކީ ވެސް ވައުދެއް ކަމަށް ވާއިރު އެކަން ރަނގަޅަށް ނުވުން ވެސް އެއީ އެފަދަ މިސާލެކެވެ.