Advertisement

ރެއާލާއި ސިޓީ ކުއާޓާގެ ޖާގަ ހޯދައިފި

7 މާރިޗު 2024 - 09:32 0


ރެއާލާއި ސިޓީ ކުއާޓާގެ ޖާގަ ހޯދައިފި

7 މާރިޗު 2024 - 09:32 0

މެންޗެސްޓާ (މާޗް 7) - ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާއި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ދެ ވަނަ ލެގުގައި ސިޓީން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ކޯޕެންހާގެން ބަލިކޮށްފަ އެވެ. ކޯޕެންހާގެންގެ މައްޗަށް ސިޓީން އެގްރިގޭޓަށް ބަލާއިރު، ކުރިހޯދީ 6-2 އިންނެވެ. ރެއާލާއި ލައިޕްޒިގު ކުޅުނު ދެ ވަނަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެގްރިގޭޓަށް ބަލާއިރު، ރެއާލުން ކުރިހޯދީ 2-1 އިންނެވެ.

ސިޓީން ވަނީ ރޭގެ މެޗުގައި ނުވަ މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. ފަސް ވަނަ މިނިޓްގައި މެނުއަލް އަކަންޖީ ވަނީ ހޫލިއަން އަލްވަރޭޒް ދިން ބޯޅައަކުން ސިޓީ އަށް ކުރިހޯދައިދީފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، އަލްވަރޭޒް ވަނީ ސިޓީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޮޑްރީ ދިން ބޯޅައަކުން އާލިން ހާލަންޑް ސިޓީގެ ތިން ވަނަ ލަނޑު ޖެހުމުގެ ކުރިން، މެޗުގެ 29 ވަނަ މިނިޓްގައި ކޯޕެންހާގެންގެ މުހައްމަދު އެލްޔޫނުސީ ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފަ އެވެ.

މިއީ، ސިޓީން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ހަތް ވަނަ ސީޒަނެވެ. އެންމެ ފަހުން، އިނގިރޭސި ޓީމަކަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ޖެހިޖެހިގެން އަށް ފަހަރު ދަތުރުކުރީ، މެންޗެސްޓާ ޔުނައިޓެޑް އެވެ.

ރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ 65 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ، ޖޫޑް ބެލިންހަމް ދިން ބޯޅައަކުންނެވެ. އޭގެ ތިން މިނިޓް ފަހުން، ލައިޕްޒިގުގެ ވިލީ އޮބާން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ލައިޕްޒިގު މި ލެގުން މޮޅުކޮށްދީ، އެގްރިގޭޓް އެއްވަރުކޮށް، މެޗު އިތުރު ވަގުތަށް ގެންދިއުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، ލައިޕްޒިގުގެ ޑެނީ އޯލްމޯ އަށެވެ. އެކަމަކު، ލިބުނު ފުރުސަތުގައި އޭނާ އަށް ގޯލު ނުޖެހުނެވެ.