Advertisement

އެލްޖީއޭ އިން ކައުންސިލްތަކަށް ދިން އިންޒާރުގެ ސިޓީ ރައީސް އޮފީހުން ލިޔުނު ކަމަށް ބުނާ މައްސަަލައެއް ބަލަނީ

6 މާރިޗު 2024 - 13:35 0

ނިމާ ހަސަން

ނިމާ ހަސަން

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް; ކައުންސިލުތަކަށް އިންޒާރުގެ ސިޓީ ފޮނުވަނީ ރައީސް އޮފީހުން ކަމަށް ތުހުމަތު ކުރެއްވި -- ފޮޓޯ: އަދަދު


އެލްޖީއޭ އިން ކައުންސިލްތަކަށް ދިން އިންޒާރުގެ ސިޓީ ރައީސް އޮފީހުން ލިޔުނު ކަމަށް ބުނާ މައްސަަލައެއް ބަލަނީ

6 މާރިޗު 2024 - 13:35 0

ކައުންސިލްތަކުން ނެރޭ ބަޔާންތަކާއި ނިންމާ ނިންމުންތަކާ ދެކޮޅަށް ލޯކަލް ގަވަމެންޓު އޮތޯރިޓޯ (އެލްޖީއޭ) އިން ފޮނުވި އިންޒާރުގެ ސިޓީތައް ޑްރާފްޓްކުރީ ރައީސް އޮފީހުން އަންގައިގެން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލާނެ ކަމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

އެލްޖީއޭ އިން ބައެއް ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަތޮޅުތަކަށް މިހާރު ކުރައްވާ ދަތުރުތަކާ ގުޅިގެން ބަޔާން ނެރުމުންނެވެ.

ސޯޝަލް މީޑިއާ އެކްސް ގައި އަލީ މިއަދު ލިއުއްވި ލިއުމެއްގައި އަލީ ނިޔާޒު ވިދާޅުވީ, އެލްޖީއޭއިން ކައުންސިލަށް ފޮނުވި ސިޓީއަކީ, ރައީސް އޮފީހުން ދަންވަރުގެ ވަގުތު ޑްރާފްޓުކޮށްފައި ފޮނުވުމުން, ރަސްމީ ގަޑި ފެށުމުގެ ކުރިން ކައުންސިލަށް ފޮނުވި ސިޓީއެއް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

"އެލްޖީއޭއިން ކައުންސިލަށް ފޮނުވި ސިޓީއަކީ ރައީސް އޮފީހުން ޑްރާފްޓްކޮށްފަ ދަންވަރު ފޮނުވި ސިޓީއެއް ކަމަށާއި އޮފީސް ހުޅުވުމުގެ ކުރިން އެލްޖީއޭއިން އެ ސިޓީ, ކައުންސިލަށް ފޮނުވާފަ އޮތްކަމުގެ މައުލޫމާތު ވަނީ ލިބިފައި" އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށާއި, އެ މައްސަލަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބަލާނެ ކަމަށެވެ. މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަކީ ލޯކަލް ގަވާނެންސްގެ ކަންތައްތައް ބަލަން މަޖިލީހުގައި އޮންނަ ކޮމިޓީ އެކެވެ.

ކައުންސިލުތަކަށް އިންޒާރުދެނީ ރައީސް އޮފީހުން އަންގައިގެން ކަމަށް ނިޔާޒު ތުހުމަތު ކުރެއްވީ, އެލްޖީއޭއިން ކައުންސިލުތަކަށް ފިޔަވަޅު އެޅުމަކީ ތާއިދު ކުރައްވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވުމުންނެވެ.

ދ. މީދޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުތަކަށް ހުރަސްއަޅައި, ދަތި ކުރުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށާއި, އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން އެއްވެސް ކައުންސިލަކަށް ކުރިމަތި ނުކުރާނެ ކަމަށެވެ.

ރައީސްގެ ދަތުރެއްގެ ތެރެއިން ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއް ބާތިލްކުރަން އަންގައި، އެ އަތޮޅު ވެލިދޫއިން ރައީސާ ބައްދަލުކުރަން ދަތުރު ނުކުރި ސަބަބު ހޯދަންވެސް އެލްޖީއޭއިން ވަނީ ސުވާލުކޮށްފަ އެވެ.

ވެލިދޫ ކައުންސިލުން ރައީސާ ބައްދަލުކުރަން ދެކޮޅު ހެދީ އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ނަމަވެސް ރައީސް އެ ރަށަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކުރުމަށްފަހު، އެމަނިކުފާނާ ބައްދަލުކުރަން އެ އަތޮޅު ހޮޅުދޫއަށް ދާން އެންގުމުންނެވެ.

ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނީ ރައީސް މުއިއްޒުގެ ކެނދިކުޅުދޫއަށް ވަޑައިގެން ކައުންސިލުގެ ރުހުމެއް ނެތި، ކައުންސިލުން އިންތިޒާމު ކުރި ހަރަކާތް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދެއްކެވި ކަމަށް ކައުންސިލުގެ ބަޔާނުގައި ތުހުމަތުކޮށެވެ.