Advertisement

ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ފުރަތަމަ ދެ ޖާގަ ޕީއެސްޖީ އާއި ބަޔާނަށް

6 މާރިޗު 2024 - 09:55 0


ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ފުރަތަމަ ދެ ޖާގަ ޕީއެސްޖީ އާއި ބަޔާނަށް

6 މާރިޗު 2024 - 09:55 0

މިއުނިކް (މާޗް 6) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ ޖާގަ ޕީއެސްޖީ އާއި ބަޔާން މިއުނިކުން ހޯދައިފި އެވެ.

ފުރަތަމަ ލެގުން ލާޒިއޯ އަތުން ބަލިވި ބަޔާން ދެ ވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ވަނީ 3-0 އިން ލާޒިއޯ ބަލިކޮށް، 3-1 ގެ އެގްރިގޭޓުން ކުރިހޯދައިފަ އެވެ. ފުރަތަމަ ލެގުގައި ވެސް މޮޅުވި، ޕީއެސްޖީން ދެ ވަނަ ލެގުގައި ވެސް ވަނީ ކުރިހޯދައިފަ އެވެ. ދެ ވަނަ ލެގުގައި ޕީއެސްޖީން، ސޮސިއެޑާޑް ބަލިކުރީ 2-1 އިންނެވެ.

ނަތީޖާ ނުނެރެވޭތީ ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއްގައި އޮތް ބަޔާނުން ރޭގެ މެޗުގައި ލާޒިއޯ ކޮޅަށް ޖެހި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ އިނގިރޭސި ފޯވާޑް، ހެރީ ކޭން އެވެ. ކޭން ފުރަތަމަ ގޯލު ޖެހީ، ބޮލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ތޯމަސް މުލާ ވެސް ބޮލުން ގޯލެއް ޖަހައި، ބަޔާނަށް ލީޑުފުޅާކޮށްދީ ހަމަަޖެހުމެއް ހޯދައިިދިނެވެ.

ދެ ވަނަ ހާފުގައި، ކޭން، ބަޔާންގެ ތިން ވަނަ ގޯލު ޖެހީ ރީބައުންސަކުން ލިބުނު ފުރުސަތެއްގަ އެވެ. މިއީ، ލެރޯއި ސާނޭ ޖެހި ޝޮޓެއްގެ ރީބައުންސް އައި ވަގުތު ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ލަނޑެކެވެ. ކޭން މި ވަނީ މި ސީޒަނުގައި ބަޔާނަށް ބަދަލުވި ފަހުން، އެ ޓީމަށް ކުޅެދިން 33 މެޗުން 33 ގޯލު ޖަހައިފަ އެވެ.

ސޮސިއެޑާޑް ދަނޑުގައި ކުޅުނު މެޗުގެ 15 ވަަނަ މިނިޓްގައި ޕީއެސްޖީން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ކީލިއަން އެމްބާޕޭ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން، 11 މިނިޓް ތެރޭ ޕީއެސްޖީން ދެ ވަނަ ލަނޑެއް ޖެހި އެވެ. މިއީ، ދެކުނު ކޮރެއާގެ ފޯވާޑް، ލީ ކަންގް އިން ދިން ބޯޅައަކުން އެމްބާޕޭ ޖެހި ގޯލެކެވެ. މި ދެ ލަނޑާ އެކު، އެމްބާޕޭގެ ސީޒަނުގެ ޖުމްލަ ގޯލުގެ އަދަދު ވަނީ 28 އަށް އަރައިފަ އެވެ.

މެޗު ނިމުމުގެ ކުރިން، ސޮސިއެޑާޑުން ވަނީ ގޯލެއް ޖަހައިފަ އެވެ. މިއީ، މިކޭލް މެރީނޯ ކާމިޔާބުކުރި ގޯލެކެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތަކުގެ ގުރުއަތުލުން އޮތީ މި މަހު 15 ވަނަ ދުވަހު އެވެ.