6 މާރިޗު 2024 - 10:24 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް އޮފީހުގެ އިބްރާހިމް ހަލީލު : ސަރުކާރުން ކޮންމެ ދުވަހަކު ގެނެސްދިން ރައީސްގެ ޖަވާބު ސީރީޒް ހުއްޓިފަ - ފޮޓޯ: ރައީސް އޮފީސް
6 މާރިޗު 2024 - 10:24 0
ރައީސް އޮފީހުން ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި ގެނެސްދެމުންދިޔަ "ރައީސްގެ ޖަވާބު" ސިލްސިލާ ހުއްޓިއްޖެ އެވެ.
ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންގެ އެކި ސުވާލުތަކަށް ވީޑިއޯގެ ޒަރިއްޔާއިން ރައީސް ދެއްވަމުން ގެންދެވި ޖަވާބު ސީރީޒްގެ ދަށުން އެންމެ ފަހުން ވީޑިއޯއެއް އާންމުކޮށްފައި މާޗް 1، ގަ އެވެ.
ސަރުކާރުން މި ސިލްސިލާ ވީޑިއޯތައް ޕްރޮމޯޓުކޮށްފައިވަނީ ރައީސްގެ ޖަވާބަކީ ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވާ ޕްރޮގްރާމެއްގެ ގޮތުގަ އެވެ.
"މި ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މަދުވެގެން ކޮންމެވެސް އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ސީދާ އަޅުގަނޑު ކޮންމެ ދުވަހަކު ޖަވާބުދޭން ފަށައިފިން،" ފެބްރުއަރީ 5، ގައި ދެއްވި ރިޔާސީ އިންތިހާބުގައި ރައީސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ސިލްސިލާ އެއްކޮށް ހުއްޓައި ނުލާ ކަމަށާއި މިއަދު ވީޑިއޯއެއް އައުން އެކަށީގެންވާ ކަމަށެވެ.
"ދަތުރުފުޅުގަ ކޮންމެ ދުވަހަކު ސްޕީޗް ދެއްވާތީ އަދި އަހާ ޕްރޮގްރާމް ހިންގުންމާ އެކު ކުޑަކުޑަކޮށް ޑިލޭކޮށްލީ،" ހަލީލު ވިދާޅުވި އެވެ. "ރައްޔިތުންގެ ސުވާލަށް ރައީސް ޖަވާބު ދެއްވުން ނުހުއްޓޭނެ. ސުވާލާއި ޖަވާބު ގިނަ އަދަދަކަށް ރެކޯޑުކޮށްފައި އެބަހުރި."
ހަލީލް މިހެން ވިދާޅުވި ނަމަވެސް، ފެބްރުއަރީ 23، ގައި ބޭއްވި އަހާ ޕްރޮގްރާމަށްފަހު ވެސް ހަފުތާއެއް ވަންދެން ރައީސްގެ ޖަވާބު ސިލްސިލާ ގެނެސްދީފައިވެ އެވެ. އަދި މީގެ ކުރިން ކުރި ރަސްމީ ދަތުރުތަކުގެ ތެރެއިން ވެސް އެ ސިލްސިލާ ހުއްޓާލާފައިނުވާކަން ފާހަގަކުރެވެ އެވެ.
ރައީސްގެ ޖަވާބު ސިލްސިލާ ސިފަވަނީ ޑްރާމާއެއްގެ ގޮތުގައި ކަމަށް އިދިކޮޅު އެމްޑީޕީއިން ވަނީ މީގެ ކުރިން ވަނީ ސިފަކޮށްފަ އެވެ.
އިދިކޮޅު އަދި މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ރައީސްގެ ރިޔާސީ ބަޔާނަށް ދެއްވި ޖަވާބުގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މަޖިލީހުގެ ވިދާޅުވީ، "ރައީސްގެ ރިޔާސީ ބަޔާނުގައި އެ ވިދާޅުވާ 'މަދުވެގެން ކޮންމެ އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ސީދާ އަޅުގަނޑު ކޮންމެ ދުވަހަކު ޖަވާބު ދޭން ފަށައިފިން' އަޅުގަނޑަށް މި ސިފަކުރެވެނީ ސިލްސިލާ ޑްރާމާއެއްގެ ގޮތުގަ" ކަމަށެވެ.
Comment