Advertisement

އެލްޖީއޭއިން ކައުންސިލްތަކަށް ދަތި ކުރަން ތާއީދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ

5 މާރިޗު 2024 - 23:25 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު


އެލްޖީއޭއިން ކައުންސިލްތަކަށް ދަތި ކުރަން ތާއީދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ

5 މާރިޗު 2024 - 23:25 1

ރަސްމީ ދަތުރެއްގައި ނ. ކެނދިކުޅުދޫއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ކުރެއްވި ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން އަންގާފައި އޮއްވައި، ލޯކަލް ގަވަމަންޓް އޮތޯރިޓީން އެއްވެސް ކައުންސިލަކަށް ދަތިކުރަން އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށް ރައީސް މިރޭ ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކަށް ފިޔަވަޅު އަޅައި، ހުރަސްތައް ކުރިމަތި ކުރަން އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށް ވެސް ދ. މީދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ ކައުންސިލްތައް ބާރުވެރިކުރަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކައުންސިލްތަަކަށް ފުރިހަމަ ބާރުވެރިކަން ދީގެން ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބިގެންދާނީ. އެއްގޮތަކަށް ވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅައި ކައުންސިލްތަކަށް ހުރަސް ކުރިމަތިކޮށް، ދަތި ކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން. އެހެންވީމާ އެކަހަލަ އެއްވެސް ކަމެއް ލޯކަލް ގަވަމަންޓް އޮތޯރިޓީން ވެސް ކުރުމަކީ އަޅުގަނޑު ތާއީދު ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ. "އެކަހަލަ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން އެއްވެސް ކައުންސިލަކަށް ކުރިމައްޗެއް ނުކުރާނެ."

ކައުންސިލްތަކަށް ދަތި ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، އެލްޖީއޭއިން ބުނެފައި ވަނީ ރައީސް ކެމްޕެއިން ކުރެއްވި ކަމަށް ބުނެ ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނީ އެމަނިކުފާނުގެ ކަރާމާތް ގެއްލޭ ގޮތަށް ކަމަށެވެ.

"... ތިޔަ ކައުންސިލުން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާ ހިލާފު އިލްޒާމު އަޅުއްވާ ކައުންސިލުން ނޫސްބަޔާން ނެރުމަކީ މި އޮތޯރިޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް،" އެލްޖީއޭއިން ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.

އެލްޖީއޭއިން ވަނީ ކެނދިކުޅުދޫ ކައުންސިލުގެ ބަޔާން ބާތިލު ކުރަން ވެސް އަންގައިފަ އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ. އަދި އެލްޖީއޭއިން ކައުންސިލަށް ގޮތް ކިޔުމުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އެލްޖީއޭގެ ބޯޑުގައި މިވަގުތު ހަތް މެންބަރުން ތިބެ އެވެ. އޭގެ ތެރޭގައި ރައީސް އައްޔަން ކުރައްވާ މިނިސްޓަރެއްގެ ގޮތުގައި މިނިސްޓާ އޮފް ސިޓީސް އާދަމް ޝަރީފް ހިމެނެ އެވެ. އަދި މަޖިލީހަސް ޖަވާބުދާރީވުމުގެ ގޮތުން ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރަކު ވެސް ބޯޑުގައި އިންނަވަ އެވެ. އެއީ އެތަނުގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ އެވެ.

އޭގެ ތެރެއިން މިނިސްޓަރު އާދަމް ޝަރީފްއަކީ އެލްޖީއޭ ބޯޑުގެ ރައީސް އެވެ. އެތަނުގެ ސީއީއޯއަކީ ޒުލްފާ އެވެ.