Advertisement

ރައީސަށް ލަފާދޭ "ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑު އެކުލަވާލައިފި

5 މާރިޗު 2024 - 15:06 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޒުވާނުންގެ ވަޒީރު އިބްރާހިމް ވަހީދު : ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑު އެކުލަވާލައިފި - ފޮޓޯ: ރައީސް އޮފީސް


ރައީސަށް ލަފާދޭ "ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑު އެކުލަވާލައިފި

5 މާރިޗު 2024 - 15:06 0

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށް އުފައްދަން ނިންމި "ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑުގެ އެކުލަވާލައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން މިނިސްޓާ އޮފް ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވީ، ހަފްތާ 14 ގައި އެ މިނިސްޓްރީން ކުރަން ހަމަޖެހިފައިހުރި މަސައްކަތްތަކުގެ ތެރެއިން ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑުގެ އެކުލަވައިލުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެގޮތުން މި ބޯޑުގެ މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ރައީސުލްޖުމުހޫރިއްޔާ އައްޔަނު ކުރައްވާ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެއްގެ އިތުރުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނަކާއި އިގުތިސާދީ ދާއިރާގެ ޒުވާނެއް އަދި ޖަމިއްޔާތައް ރަމްޒުކުރާ ޒުވާނެއްގެ އިތުރުން ސްޕޯޓްސް މިނިސްޓްރީން ކަނޑައަޅާފައިވާ އަންހެން އަދި ފިރިހެން އެތްލީޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އިސްލާމިކް ޔުނިވާސިޓީ އަދި އަމިއްލަ ކޮލެއްޖެއްގެ ދަރިވަރުންގެ ޖަމިއްޔާތަކުގެ ރައީސުން ވެސް މި ބޯޑުގެ މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވި އެވެ.

އެ ބޯޑުގެ މެމްބަރުންނަށް ލިބޭނެ ފުރުސަތުތައް ވެސް މިނިސްޓަރު ތަފްސީލުކޮށްދެއްވި އެވެ.

"މި ކައުންސިލުގަ ޖިންސުގެ ހަމަހަމަކަން ވެސް އަދި ޕްރޮފެޝަނަލް ދިވެހި ޒުވާނުން ޝާމިލުވެގެންދާނެ. ލިބިގެންދާނެ ފުރުސަތުތަކުގެ ތެރޭގަ ބެޖެއް އެރުވޭނެ، ހަފްލާތަކަށް ދައުވަތު އަދި ރާއްޖޭގެ ބޭރުގަ ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ލިބޭނެ އަދި އެއް ބައްދަލުވުމުގަ ރައީސް ބައިވެރިވާނެ،" މިނިސްޓަރު އިބްރާހީމް ވަހީދު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޒުވާނުންނާއި ގުޅުންހުރި ކަންކަމުގައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑުގެ މެމްބަރުންގެ ދައުރު ބޮޑުވާނެ ކަމަށާއި އެ ބޯޑުން ހުށަހަޅާ ކަންކަން ކެބިނެޓަށް ހުށަހަޅައި މަޝްވަރާ ކުރާނެ ކަމަށެވެ.

"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑުގެ ނަމުގައި ބޯޑެއް އުފެއްދެވުމަށް ޑިސެމްބަރު 25، 2023 ގައި ރައީސް ނިންމެވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

އެ ބޯޑުގެ މެމްބަރުންގެ ގޮތުގައި ޒުވާނުން ހޮވުމަށް ޔޫތް މިނިސްޓްރީން އިއުލާނު ވެސް ކުރި އެވެ.