Advertisement

ހައިވޭގެ ސޯލާ ޕެނަލްތަކުން ދުވާލަކު 4.8 މެގަވޯޓްގެ ކަރަންޓު އުފައްދާ: އެންވަޔަރަމަންޓް މިނިސްޓްރީ

5 މާރިޗު 2024 - 14:37 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހައިވޭގައި ހުންނަ ސޯލާ ޕެނަލްތައް: މިއީ 11 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު މަޝްރޫއެއް -- ފޮޓޯ: އަދަދު


ހައިވޭގެ ސޯލާ ޕެނަލްތަކުން ދުވާލަކު 4.8 މެގަވޯޓްގެ ކަރަންޓު އުފައްދާ: އެންވަޔަރަމަންޓް މިނިސްޓްރީ

5 މާރިޗު 2024 - 14:37 0

މާލެ-ހުޅުމާލެ ހައިވޭގައި "އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ)" ޕްރޮޖެކްޓުގެ ދަށުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން ދުވާލަކު 4.8 މެގަވޯޓުގެ ކަރަންޓު އުފައްދާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ، ހައިވޭގައި ގާއިމުކުރެވިފައިވާ ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑާއި ގުޅާލައި ކަރަންޓު އުފައްދަމުން އަންނަ ކަމަށެވެ.

"ގާތްގަނޑަކަށް ދުވާލަކު ރަނގަޅަށް އަވިދޭ ދުވަހެއް ނަމަ އެބަ އުފައްދާ 4.5 މެގަވޯލްޓާ 4.8 މެގަވޯލްޓުގެ ކަރަންޓު،" މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

މި ނިޒާމު މިހާރު ބޭނުންކުރަމުން ދިޔަ ނަމަވެސް ސޯލާ ޕެނަލްތައް ހައިވޭއިން ނަގައި އެހެންތަނަކަށް ބަދަލުކުރުމަށް ސަރުކާރުން ބޭނުންވާތީ، މި މަޝްރޫއަށް ފަނޑުކޮށްދިން ވޯލްޑް ބޭންކް އަދި އެ މަސައްކަތް ކުރި ތައިލޭންޑުގެ އެންސިސް ކުންފުންޏާއިއެކު މަޝްވަރާތަކެއް ކުރެވެމުންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި އެހެން ތަނަކަށް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެ މަޝްރޫއުއަށް 170 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އަންދާޒާކުރެ އެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 11 މިލިއަން ޑޮލަރު ނުވަތަ 169 މިލިއަން ރުފިޔާ އެވެ. އެ މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ރުފިޔާއިން ކަރަންޓު ޔުނިޓަކަށް އެއް ރުފިޔާ 68 ލާރި އެވެ.