5 މާރިޗު 2024 - 12:44 0
5 މާރިޗު 2024 - 12:44 0
ފްރޭންކްފާޓް (މާޗު 5) - ފީފާ ވޯލްޑް ކަޕް 2006އާ ގުޅުން ހުރި ޓެކްސްގެ ފައިސާ އޮޅުވާލައި، އެ ފައިސާ އެހެން ކަމަކަށް ބޭނުންކުރިކަމުގެ ތުހުމަތުކުރެވިފައިވާ ޖަރުމަން ފުޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ވެރިންނާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް އިއްޔެ ފަށައިފި އެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ ޖަރުމަންގެ ފުޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ދެ ރައީސުން ކަމަށްވާ ވުލްފްގޭންގް ނިއޭސްބަކް އާއި ތިއޯ ޒްވާންޒިގާ އަދި ކުރީގެ ޖެނެރަލް ސެކްރެޓަރީ ހޯސްޓް ޝްމިޑްޓްއާ ދެކޮޅަށެވެ.
މި ތިން މީހުންނަށް ތުހުމަތުކުރެވެނީ 2006 ވަނަ އަހަރު ޖަރުމަންގައި ބޭއްވި ފީފާ ވޯލްޑް ކަޕާ ގުޅުންހުރި ޓެކްސްތައް އޮޅުވާލައި، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 14.8 މިލިއަން ޑޮލަރު އެހެން ކަމަކަށް ބޭނުންކުރުމެވެ.
އެގޮތުން، މި ދައުވާގައި ހިމެނޭ އެއް މައްސަލައަކީ 2005 ވަނަ އަހަރު ޖަރުމަންގެ ފުޓްބޯލް އެސޯސިއޭޝަނަށް ލިބުނު 6.7 މިލިއަން ޔޫރޯ ބޭނުންކުރި ގޮތެވެ. އެ އެސޯސިއޭޝަނުން ކުރިން ބުނެފައިވަނީ އެ ފައިސާ ބޭނުންކުރީ ވޯލްޑް ކަޕްގެ ގާލާއެއްގެ ހަރަދަށް ކަމަށެވެ. އެކަމަކު އެ ގާލާ އެ އެސޯސިއޭޝަނުން ނުބާއްވައެވެ.
އެކަަމަކު އެ ފައިސާ ބޭނުންކުރީ މިދިޔަ މަހު ނިޔާވި ޖަރުމަންގެ ލެޖެންޑް އަދި އެ އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސް، ފްރާންޒް ބެކެންބަވާ އަމިއްލަ އަށް ނެގި ލޯނެއް އަނބުރާ ދެއްކުމަށް ކަމަށް ތަހުގީގުން އެނގިފައިވެ އެވެ. މިއީ އެޑިޑާޑްސްގެ ކުރީގެ ސީ.އީ.އޯ ރޮބާޓް ލުއިސް ޑްރޭފަސް އަތުން ބެކެންބަވާ ނެގި ލޯނެކެވެ.
ޖަރުމަންގައި 2006 ވަނަ އަހަރު ކާމިޔާބުކަމާއެކު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޓެކްސް އޮޅުވާލި މައްސަލަ ފެންމަތިވި ފަހުން، މި މައްސަލަ ފްރޭންކްފާޓްގެ ރީޖަނަލް ކޯޓަށް ދެ ފަހަރު ޖަރުމަންގެ ޕްރޮސެކިއުޓަރުން ހުށަހެޅިއެވެ.
އެކަމަކު، ދެ ފަހަރު ވެސް އެ މައްސަލަ ކޯޓުން ބޭރުކޮށްލީ އެވެ. މި މައްސަލައިގައި އަލުން ދައުވާ ކުރީ އެ މައްސަލަ އަލުން ބެލުމަށް ޖަރުމަންގެ ހައި ކޯޓުން އަމުރުކުރުމުންނެވެ.
"ދައުވާ ލިބޭ ތިން މީހުންވެސް ނުބައިކޮށް ޓެކްސް ފައިލްކުރީ އެކަން އެނގިހުރެ، ގަސްދުގައި،" ދައުވާގައި ބުނެފައިވެއެވެ.
މި މައްސަލަގައި ފީފާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އާސް ލިންސީއާ ދެކޮޅަށްވެސް ދައުވާކުރިއެވެ. އެކަމަކު ޖޫރިމަނާއެއް ދައްކައި، ހެކިބަސް ދޭ މަތިން އެ ދައުވާ ވަނީ އަނބުރާ ގެންގޮސްފަ އެވެ.
Comment