Advertisement

ޖަނަރޭޓަރުތައް މަރާމާތުކުރަން ފެނަކައިން ސާވިސް ސެންޓަރެއް ހުޅުވަނީ

5 މާރިޗު 2024 - 11:55 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުއާޒް މުހަމައްމަދު ރަޝީދު -- ފޮޓޯ: ރައީސް އޮފީސް


ޖަނަރޭޓަރުތައް މަރާމާތުކުރަން ފެނަކައިން ސާވިސް ސެންޓަރެއް ހުޅުވަނީ

5 މާރިޗު 2024 - 11:55 0

އެ ކުންފުނީގެ ޖަނަރޭޓަރުތައް މަރާމާތުކުރުމަށް ސާވިސް ސެންޓަރެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ރައީސުލްޖުމުހޫރިއްޔާ ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޖަނަރޭޓަރުތަކުގެ މަރާމާތަށް އެ ކުންފުނިން ކޮންމެ އަހަރު 100 މިލިއަނެއްހައި ރުފިޔާ ހަރަދުކުރާ ކަމަށެވެ. އަދި 157 ރަށުގައި ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏެއްގައި އަމިއްލަ ސާވިސް ސެންޓަރެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ޖެންސެޓުތަކެއް ހަލާކުވެފަ މިހިރީ. ކީއްވެގެންތޯ؟ މެއިންޓެނެންސްއަށް މީގެ ކުރީގެ މެނޭޖްމެންޓުން އެއްވެސް ސަމާލުކަމެއް ދީފަ ނެތީމަ. ސަމާލުކަން ދީފަނެތަސް އަހަރު 100 މިލިއަން ރުފިޔާ މެއިންޓެނެންސްއަށް ހޭދަކުރޭ،" މުއާޒް ވިދާޅުވި އެވެ.

ކުރީގެ މެނޭޖްމެންޓުން ޖަނަރޭޓަރުތައް މަރާމާތުކުރުމުގެ ބަދަލުގައި އެކަން ވިޔަފާރިއަކަށް ހަދައިފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ. އަދި މަރާމާތުކުރަން ބޭނުންވާ ސާމާނު ގަތުމުގެ ބަދަލުގައި އާ ޖެންސެޓުތައް ގަނެފައިވާކަން ރިކޯޑުތަކުން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ފެނަކައިގެ ހިންގުން ރަނގަޅު ކުރުމަށް ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ސާވިސް ސެންޓަރެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ. އަދި އެކަމަށް ހަރަދުވާނެ ކަމަށް ލަފާކުރެވެނީ 60 މިލިއަން ރުފިޔާ ކަމަށާއި ސާވިސް ސެންޓަރަކާއެކު އެ ކުންފުނީގެ ހަރަދު ކުޑަ ކުރެވޭނެކަން މުއާޒް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ނުޖެހޭ މާލޭގެ ވޯކްޝޮޕްތަކަށް އެ މަސައްކަތް ކުރަން ދޭކަށެއް. މި ކުންފުނީގަ ހުންނަންޖެހޭނެ އެ ފެންވަރު. ސާވިސް ސެންޓަރެއް ހަދަން އަޅުގަނޑުމެން ހިސާބު ހަދާލިއިރުގަ ދަނީ 60 މިލިއަން ރުފިޔާ. އެހެންވީމަ ތިބޭފުޅުން ބައްލަވާ އަހަރެއްގެ މައްޗަށް ސޭވްކުރެވިގެން ދާނެ މިންވަރު،" މުއާޒް ވިދާޅުވި އެވެ.

ފެނަކައިން ރާއްޖޭގެ 157 ރަށެއްގައި ކަރަންޓުގެ ހިދުމަތް، 56 ރަށުގައި ނަރުދަމާގެ ހިދުމަތް، 43 ރަށެއްގައި ފެނުގެ ހިދުމަތް ފޯރުކޮށްދެ އެވެ.