Advertisement

އުމަރު އައްޔާރާއި އޭނާގެ ޖާދުވީ ސުންބުލި؛ ދިވެހިންނަށް ރަނގަޅު ގޮތް!

12 މާރިޗު 2024 - 10:33 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


އުމަރު އައްޔާރާއި އޭނާގެ ޖާދުވީ ސުންބުލި؛ ދިވެހިންނަށް ރަނގަޅު ގޮތް!

12 މާރިޗު 2024 - 10:33 0

ހުސައިން ސަލާހުއްދީންގެ 'ހިތާވާގޮތް' ޅެމުގެ ތާސީރަކީ ބައެއް ދިވެހިންގެ ކަންނެތް ކަމުގެ ވާހަކަ އެވެ. ވިދާޅުވެފައި އޮވެ އެވެ.

ވަހުމުތައް ގިނަވެ މަސައްކަތް ނުމެކޮށް ޣަފުލަތުގައި

ރަހުމަތަށް އެދިއެދި ތިބުމޭ ދިވެހީންނަށް ރަނގަޅީ

އިންސާނުންގެ ތަބީއަތުގައި ހިނގާ ހުރިހާ އެދުންތަކެއް ދިވެހީންގެ ހިތުގައިވެސް ހިނގާނެ ނޫންތޯ އެވެ. ތަނަވަސްކަމާއި، ރީތި ހަށިގަނޑަކާއި، މަތީ މަގާމާއި މަތީ ދަރަޖަ އެންމެންވެސް ބޭނުން ވެއެވެ. އެކަމަކު އެކަންކަން ހާސިލުކުރުމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ކުރެވޭ ހަމައެކަނި ކަމަކީ އެފަދަ ރަހުމަތަކަށް އުއްމީދުކުރުމެވެ. 'ދުއާ ކުރަންވާނީ ވާ އެއްސުމަށްފަހުގައި' ކަން އެއީ އަޅުގަނޑުމެން ދަންނަ އެކަމަކު އަމަލު ނުކުރެވޭ ކަމެކެވެ.

އެ ޅެމުގައި ސަލާހުއްދީން ވިދާޅުވެފައި އޮވެ އެވެ.

އުމަރު އައްޔާރުގެ ސުންބުލި މިއަދަށް އޮތްނަމައީ

ދުމަހަކޮށްގެން ނެރެގެން ގެންގުޅުމޭ ރަނގަޅީ

އުމަރު އައްޔާރުގެ ސުންބުއްޔަކީ ދިވެހިންނަށް ކޮންމެހެންވެސް ބޭނުންޖެހިފައި އޮތް އެއްޗެއް ކަމަށް މި އާލިމު ވިދާޅުވާތީ އެއީ ކާކު ގެންގުޅުނު ކޮންއެއްޗެއްތޯ ބަލާލާ ހިތްވެއްޖެ އެވެ.

އުމަރު އައްޔާރު ނުވަތަ އުމްރޫ އައްޔާރު

މި އުމަރު އައްޔާރެއްގެ ވާހަކަ ފެށިގެން އަންނަނީ މުގަލުންގެ ރަސްގެފާނު ޖަހަންގީރު އަކުބަރުގެ ޒަމާނުގައި އޭނާގެ ދަރުބާރުންނެވެ. އަކުބަރު ރަސްގެފާނަކީ ފޫހިފުޅުފިއްލެވުމަށްޓަކައި ވާހަކަ އަޑުއެއްސެވުމަށް ޝައުގުވެރިވި ރަސްކަލެކެވެ. އެ ރަސްގެފާނަށް ވާހަކަ ކިޔައިދިނުމަށްޓަކައި މާ ދުރު ޝަހަރުތަކުންވެސް މީހުން އެ ދަރުބާރަށް ގޮސް އުޅުނެވެ. އެ ރަސްގެފާނު ހިތްޕުޅާވާފަދަ ވާހަކަ ކިޔައިދޭ މީހުންނަށް އަގުހުރި ހަދިޔާތަކުން ވެދުން ކޮށް އުޅުއްވި އެވެ.

އުމަރު އައްޔާރު ނުވަތަ އުމްރޫ އައްޔާރުގެ ޝަހުސިއްޔަތު އުފަންވަނީ މި ދަރުބާރުގައި ކިޔައި އުޅުނު 'ދާސްތާނޭ އަމީރު ހަމްޒާ' ވާހަކައިންނެވެ. މި ފޮތް 'ދަ އެޑްވެންޗާޒް އޮފް އަމީރު ހަމްޒާ' ގެ ނަމުން އިނގިރޭސި ބަހަށް ވެސް ތަރުޖަމާކުރެވިފައި ވެއެވެ. އަމީރު ހަމްޒާއަކީ މިއުއްމަތުގެ ރަސޫލާ (ސއވ) ގެ ބޮޑުބޭބޭފުޅެވެ. މި ވާހަކައިގައި ހިމެނޭ ހާދިސާތަކާއި މައުލޫމާތުތަކަކީ ތާރީހީ ހަގީގަތުގެ ތެރެއަށް ޒަމާނުގެ އަތުން އެޅި ފޮނިތޮށި ކާފުރުތޮޅިން ރަހަ ހެޔޮވަރުކޮށްފައިވާ ހިޔާލީ ހާދިސާތަކާއި މައުލޫމާތު ތަކެވެ. އުމްރޫގެ ޝަހުސިއްޔަތަކީވެސް މިގޮތުން އުފެދުނު ހިޔާލީ ޝަހުސިއްޔަތެކެވެ.

އަމީރު ހަމްޒާގެ ބާރުވެރިކަން އިތުރުކުރުމަށްޓަކައި އަރިހުގައި 'އައްޔާރުން' ގެންގުޅެންޖެހޭކަމަށް އަމީރުގެ އިސް ވަޒީރު ލަފާ ދެއްވަ އެވެ. ފާރިސީ ބަހަށް އަސްލު ނިސްބަތްވާ 'އައްޔާރު' ގެ މާނަތައް ގިނަ އެވެ. މިތަނުގައި ބޭނުންކުރާ މާނައަކީ ދިވެހިން މިކިޔައި އުޅޭ 'ހިޔަޅު ބުއްދި' ގެ މާނަ އެވެ. ބުއްދިވެރި، މަކަރުވެރި، އަދި މީހުން ކޮންޓްރޯލް ކުރަން އެނގޭ މީހާއަކީ އައްޔާރެކެވެ. އަމީރު ހަމްޒާއަށް ވަފާތެރި ކިތަންމެ އައްޔާރަކު އެ އަމީރު ގެންގުޅުއްވި އެވެ. މަލަކް މާހު، މުގުބިލް، ނޫމާން ހޯޖާ، ސަނާވަރު ބާނޫ ފަދަ އެތައް އައްޔާރުންގެ ވާހަކަ 'ދާސްތާނޭ އަމީރު ހަމްޒާ' ނުވަތަ 'ހަމްޒާ ނާމާ' ވާހަކައިގައި އާދެ އެވެ. އެ އެންމެންގެ ތެރެއިން އެންމެ މަޝްހޫރު ޝަހުސިއްޔަތަކީ އުމްރޫ އައްޔާރެވެ. ދިވެހިންނާ ހަމައަށް ވާހަކަ އައިއިރު އެ ނަން ބަދަލުވެފައި އޮތީ އުމަރު އައްޔާރަށެވެ.

އުމްރޫ އައްޔާރުއަކީ އަމީރު ހަމްޒާގެ ދަރުބާރުގައި ގެންގުޅޭ އައްޔާރުންގެ ތެރެއިން އެންމެ ހާއްސަ، އަދި އަމީރު ހަމްޒާއަށް އެންމެ ވަފާތެރި އައްޔާރެވެ. އެހެންވެ، ހާއްސަ ހުރިހާ މަސައްކަތްތަކެއް ހަވާލުކުރެވެނީ އުމްރޫއާ އެވެ. އޭނާ ގެންގުޅޭ މަލްމަލް ފޮތީގެ ޖާދުވީ ސުންބުއްޔަކީ ވެސް އޭނާގެ ހާއްސަކަން އިތުރުވާ ސަބެބެކެވެ.

އުމަރު އައްޔާރުގެ ކުޑަކުޑަ ޖާދުވީ ސުންބުއްޔަށް ކިޔަނީ ޒަމްބީލް އެވެ. އެ ކޮތަޅަށް ކިތަންމެ ބޮޑު އެއްޗެއްވެސް އެޅެ އެވެ. އެއަށް އަޅާ އެއްޗެއްގެ ސަބަބުން ސުންބުލީގެ ބަރުދަނަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. މި ސުންބުލީގެ ހިޔާލު 'ހެރީޕޮޓާ' ސިލްސިލާގައި ބޭނުންކޮށްފައި ވެއެވެ. އޭގައި ހަމައިނީ ގްރޭންޖަރ ގެންގުޅޭ ވިޔެފައިވާ ކޮތަޅަކީ އުމަރު އައްޔާރުގެ ސުންބުލީގެ ވެސް ހިޔާލެވެ. ހިތަށް އަރުވާލުމުން އެ ކޮތަޅުން ނުނެގޭނޭ އެއްޗެއް ނެތެވެ.

ޒަމްބީލްއޭ ކިޔުނު ސުންބުލީގައި އުމަރު އައްޔާރު ގެންގުޅެނީ އޭނާގެ އާދަޔާ ހިލާފު ހުނަރުތަކަށް ބޭނުންވާ ސާމާނެވެ. އޭގެ ތެރޭގައި ހިމެނޭ 'ސުލައިމާނީ ތޮފި' ބޭނުންކުރަނީ އިންސާނުންގެ ލޯތަކަށް ގެއްލުމަށެވެ. މި ތޮފީގެ ބޭނުން ކުރަނީ އަމީރު ހަމްޒާ ހަވާލުކުރާ ހާއްސަ މިޝަންތަކުގަ އެވެ. ގެއްލޭ ތޮފީގެ ވާހަކައަކީ ދިވެހިން ކިޔައި އުޅުނު ވާހަކަތަކުގައިވެސް އަޑުއިވޭ ވާހަކަ އެކެވެ. މި ހިޔާލު އުފެދިފައި މިވަނީ އުމަރު އައްޔާރުގެ ސުލައިމާނީ ތޮފިން ކަމަށް ބެލެވެ އެވެ.

ޒަމްބީލްގައި ހިމެނޭ އާލާތްތަކުގެ ތެރެއިން ދެން ފާހަގަކުރެވޭ އެއްޗަކީ އުދުހޭ ބޫޓާއި މުސައްލަ އެވެ. މި ބޫޓުގެ ބޭނުންކުރަނީ ކައިރި ތަންތަނަށް އުދުހިފައި ދަތުރު ކުރުމަށެވެ. ދުރު ދަތުރެއްނަމަ ބޭނުންކުރާނީ އުދުހޭ މުސައްލަ އެވެ. އަލާއުއްދީނު ވާހަކައިގައި އެ ކިޔާ އުދުހޭ މުސައްލައިގެ ހިޔާލުގެ ފެށުމަކީ މިއީ ކަމަށް ވުން ގާތެވެ.

އެއްފަހަރަކު އަމީރު ހަމްޒާއާ އެކުވެރި، އެހެން ޝަހަރެއްގެ ރަސްކަލަކު އޭނާގެ ދަރިކަނބަލުން ގެއްލިގެން އެކަމުގައި އަމީރު ހަމްޒާގެ މަދަދަށް އެދިވަޑައިގެންފި އެވެ. އަމީރު ހަމްޒާ މި މަސައްކަތް ހަވާލުކުރެއްވީ އުމަރު އައްޔާރާ އެވެ. އޭނާއަށް އަމީރު ހަމްޒާ ވިދާޅުވި އެވެ. މި ރަސްގެފާނުގެ ދަރިކަނބަލުން ވީ މާރިދެއްގެ ގައިދުގަ އެވެ. އެކަން ވީގޮތެއް އޮޅުން ފިލުވުމަށް ރަސްގެފާނާ ސުވާލުކުރުމުން ވިދާޅުވެ އެވެ. އަމީރާ އެކަމަނާގެ ކޮޓަރިކޮޅުގައި އަރާމުކުރައްވަނިކޮށް އެ މާރިދު ކޮޓަރިއަށް ވަނީ އެވެ. އަޑުގަދަވެގެން ރާނީ އެ ކޮޓަރިކޮޅަށް ވަޑައިގެންނެވިއިރު ފެނިވަޑައިގަތީ އެ މާރިދުގެ ބިޔަ އަތުން އަމީރާގެ އުނަގަނޑުގައި ހިފައިގެން އުދުހި ދިޔަ މަންޒަރެވެ. ޖީންނީންގެ ތެރެއިން އެކުވެރި ރިޔާސަތުތަކުގެ މަދަދާއެކުވެސް އެ އަމީރާގެ ހަބަރެއް ފިލާ ވަރެއް ނުވި އެވެ.

އަމީރު ހަމްޒާ އުމަރު އައްޔާރަށް ވިދާޅުވެ އެވެ. މި އަމީރާ ހޯދުން ގުޅިފައި އޮތީ މި ވެރިކަމުގެ ޝަރަފުވެރިކަމާ އެވެ. މިއީ ޖިންނީންގެ ރިޔާސަތުތަކަށްވެސް ނުކުރެވުނު ކަމެކެވެ. މިކަމުގައި ކާބިޔާބަށް އެދޭ ހާލު މަސައްކަތް ފަށްޓާށެވެ.

އުމަރު އައްޔާރު ޖިންނީންގެ ތެރެއިންވާ އޭނާގެ ޖާސޫސުން ހާޒިރުކުރި އެވެ. އޭގެ ތެރޭގައި ހިމެނޭ ކުޑަކުޑަ ޖިންނިއެއް ބުނެ އެވެ. އަމީރާ ވަނީ 'ދިންޗާދަރު' އޭ ކިޔުނު ސިފަ ހުތުރު ނުބައި މާރިދެއްގެ ގައިދުގަ އެވެ. އެ މާރިދަށް ފޮތްތަކުން ދަސްވެފައިވާ ގޮތުގައި އޭނާގެ ސިފަ ހުތުރުކަމަށް އޮތް ހައްލަކީ އިންސާނުންގެ ތެރެއިން ބުރުސޫރަ ރީތި ނަވާރަ އަންހެން ކުދިންގެ ހިތް ނަގައިގެން ކެއުމެވެ. މީނާ މިހާރު މިގޮތަށް އެކި ރިޔާސަތުތަކުން ދިހަ އަމީރާއިން ގައިދުކޮށް އަވަހާރަކޮށްލައިފި އެވެ. އޭނާ އެ ކުދިން ގެންދަނީ މި ޝަހަރުގެ ބޭރުގައި އޮތް ބިޔަ ޖަންގަލީގެ މެދުގައި ހުރި އޭނާގެ ގަނޑުވަރަށެވެ.

އުމަރު އައްޔާރު އެވާހަކަ އަހައި، އޭނާގެ ސުންބުލިން އުދުހޭ މުސައްލަ ނެގި އެވެ. އަދި ޖިންނީގެ ފަރާތުން ހަބަރު ލިބުނު ޖަންގައްޔަށް މިސްރާބު ޖެހި އެވެ. އޭނާއަށް ފެނުނީ އެ ޖަންގަލީގެ މެދުގައި ހުރި ގަނޑުވަރުގެ ބޭރުގައި ހުރި ބިޔަ ގަހެއްގެ ދޮށުގައި އަމީރާ އިންނެވި ތަނެވެ. މީނާ އަމީރާގެ ކުރިމައްޗަށް މުސައްލަ ތިރިކޮށް އޭނާ މިއައީ އަމީރާ ސަލާމަތްކުރުމުގެ ބޭނުމުގައި ކަމަށް ބުނެ އަމީރާގެ އަތްޕުޅުގައި ހިފައިފި އެވެ. އެއާއެކު ނުބައި އަޑަކުން ހޭންފެށުމާއެކު އަމީރާގެ ސިފަ ބަދަލުވާން ފެށި އެވެ. ހަގީގަތުގައި އަމީރާގެ ސިފައިގައި އިނީ ދިންޗާދަރު އޭ ކިޔުނު މާރިދެވެ. އަމީރާ ގައިދުކޮށްފައި އިނީ ގަނޑުވަރުގެ އެތެރޭގަ އެވެ.

ހަނގުރާމަ ފެށުނީ އެވެ. މާރިދުގެ އަނގައިންނާއި އަތުން ފޮނުވަމުން ދިޔަ އަލިފާން ބޯޅަތަކުން ހުށިޔާރުކަމާއެކު ސަލާމަތްވަމުން ދިޔައިރު، އުމަރު އައްޔާރަށް ފާހަގަވީ މި މާރިދު ހަމަލާ ދިނުމުގައި އޭނާގެ ވައަތުގެ ބޭނުން ނުކުރާ ކަމެވެ. އެކަމުން އުމަރު އައްޔާރު ދެނެގަތީ އެ މާރިދުގެ ފުރާނަ ފޮރުވިފައި ވަނީ އެސޮރުގެ ވައަތްތިލައިގައި ކަމެވެ. އެކަން ވިސްނުމާއެކު އޭނާގެ ސުންބުލިން ނެގީ ޖިންނީންގެ ރަސްގެފާނު އޭނާއަށް ވެދުންކުރި ކަނޑި އެކެވެ. މާރިދު ހަމަލާ ދިނުމަށްޓަކައި ކައިރިވި ވަގުތު ހުށިޔާރުކަމާއެކު އޭނާގެ އަތުގައި އޮތް ކަނޑިން މާރިދުގެ ވައަތް ކުޑަހުޅުން ބުރިކޮށްލި އެވެ. އެހާރުން އެ މާރިދު އަނދައި އަޅިއަށް ވީ އެވެ. އަމީރާ އެ މާރިދުގެ ގައިދުން ސަލާމަތްކޮށް އުދުހޭ މުސައްލައިގައި އަމީރާ އޭނާގެ ރަށަށް ގެންގޮސް ރަސްގެފާނާ ހަވާލުކުރީ އެވެ.

މި ވާހަކަ ކިޔާލުމުން އަޅުގަނޑު ހިތަށް ވަނީ ރާއްޖެ އިސްލާމުވީ ގޮތްކަމަށް ކިޔައި އުޅޭ ފޯކުލޯރެވެ. ރަންނަމާރި އަރައި، ކޮންމެ މަހަކު އަންހެން ކުއްޖަކު ކަތިލަމުން ގެންދިޔަ ގެންދިއުން ހުއްޓުވުމަށް އަބުލްބަރަކާތު އަލްޔޫސުފުލް ބަރުބަރީ ކުރެއްވި މަސައްކަތުގެ ވާހަކަ އެވެ. މި ދެވާހަކައިގެ ތެރެއިން ކޮންމެވެސް އެއް ވާހަކައަކަށް އަނެއް ވާހަކައިގެ އަސަރެއް ކޮށްފައި އޮތްކަމަށް ބެލޭވޭ ވަރަށް ދެ ވާހަކައިގެ ތާސީރު އެއްގޮތެވެ.

'ހަމްޒާނާމާ' ފޮތެއްގެ ސިފައިގައި ސޯޅަވަނަ ގަރުނުގެ ތެރޭގައި ޝާއިއު ކުރެވުނެވެ. އެ ފޮތުގައި ހިމެނޭ ވާހަކަތައް ކިޔައި، އަޑުއަހައި، ދަތުރުވެރިންގެ ފަރާތުން އެ ވާހަކަތައްް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައީ ރަހަ ހެޔޮވަރުކުރުމަށް ގެނެވުނު އެކި ބަދަލުތަކާ އެކުގަ އެވެ. އެއާއެކު، ހަމްޒާނާމާގައި ނުހިމެނޭ އެތައް ވާހަކައެއްވެސް އުމަރު އައްޔާރާ ގުޅުވައި އުފަންވެގެން ދިޔައީ އެވެ. ކޮންމެ ވާހަކައެއްގެ ވެސް ތާސީރަކީ އުމަރު އައްޔާރަކީ ވަރަށް ބުއްދިވެރި މީހެއްކަމާއި، އޭނާ ގެންގުޅޭ ޖާދުވީ ސުންބުއްޔާއި އެ ސުންބުލީގައި ހިމެނޭ އާލާތްތަކެވެ.

ފާރިސީ އަދަބިއްޔާތުގައި މަޝްހޫރުވި މި ވާހަކަތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ކިޔައި އުޅޭތީ އިވޭ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް، ހުސައިން ސަލާހުއްދީންގެ ޅެމުގައި އުމަރު އައްޔާރުގެ ސުންބުލީގެ ވާހަކަ ވިދާޅުވި ޒަމާނުގައި، ނަސީރުއްދީން ހޯޖާ ނުވަތަ ޖުހާ ގެ ވާހަކަތަކާ އެއްވަރަށް އުމަރު އައްޔާރުގެ ވާހަކަތައް މަޝްހޫރެވެ. ކޮންމެވެސް ސަބަބަކާހުރެ އެ ވާހަކަތައް ދިވެހިންގެ އަދަބިއްޔާތުގެ ތެރެއިން ގެއްލި ދިޔައީ އެވެ.

އުމަރު އައްޔާރުގެ ސުންބުލި އަޅުގަނޑުމެންނަށް ލިބޭނޭ އެއްގޮތެއްވެސް ނެތެވެ. ކާމިޔާބު ބޭނުންވާނަމަ އަޅުގަނޑުމެންނަށް އޮތްގޮތަކީ އެ އެދޭ ކަމަކަށް މަސައްކަތް ކުރާން އޮތް މަގުން ހިތްވަރާއެކު މަސައްކަތްކޮށް އެދޭކަމެއް ކާމިޔާބުވޭތޯ ހިތްމަތް ކުރުމެވެ. އުމަރު އައްޔާރުގެ ސުންބުއްޔާއި، އޭގައިވާ އުދުހޭ މުސައްލައާއި ގެއްލޭ ތޮފީގެ އެދުމުގައި 'ސޮހޮލުވެ ތިއްބައި ވަންހަ ނިމިދަނީ' އެވެ.