Advertisement

ޗައިނާ ފަތުރުވެރިންނަށް ވެސް ރެކޯޑު ފެބްރުއަރީއެއް

5 މާރިޗު 2024 - 10:11 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ބޯޑަރު ހުޅުވާލުމަށްފަހު ޗައިނާ ފަތުރުވެރިން ރާއްޖެ އައި ދުވަސް -- ފޮޓޯ: މިނިސްޓްރީ


ޗައިނާ ފަތުރުވެރިންނަށް ވެސް ރެކޯޑު ފެބްރުއަރީއެއް

5 މާރިޗު 2024 - 10:11 0

އެހެން އަހަރުތަކާއި އަޅާކިޔާއިރު، ނިމިދިޔަ ފެބްރުއަރީ މަހު ރާއްޖެ އައި ޗައިނާ ފަތުރުވެރިންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފެބުރުއަރީ މަހު ޖުމުލަ 217،394 ފަތުރުވެރިން ރާއްޖެ އައެވެ. އަދި ފެބްރުއަރީ 27، ގެ ނިޔަލަށް ޗައިނާގެ 34،646 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

މިއީ ކޮވިޑުގެ ކުރީގެ ހާލަތަށް، 2019 ވަނަ އަހަރަށް ބަލާނަމަ 10.7 އިންސައްތައިގެ ކުރިއެރުމެކެވެ. 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު 31،285 ޗައިނާ ފަތުރުވެރިން ރާއްޖެ އައެވެ.

ޗައިނާ ފަތުރުވެރިންގެ ތަފާސްހިސާބު (ފެބްރުއަރީ)

  • 2019 - 31،285
  • 2020 - 1،647
  • 2021 - 108
  • 2022 - 299
  • 2023 - 4،276
  • 2024 - 34،646 (ފެބްރުއަރީ 27، ގެ ނިޔަލަށް)

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުގެ ލިސްޓުގެ އެއްވަނައިގައި ވެސް މިހާރު އޮތީ ޗައިނާ އެވެ. އެގޮތުން މިއަހަރު އެކަނި ވެސް 55،087 ޗައިނާ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

ޗައިނާ ފަތުރުވެރިންގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވެފައިވާއިރު، އެ ގައުމުގެ ގިނަ އެއާލައިންތަކަކުން ވެސް ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފަ އެވެ. އޭގެ ތެރޭގައި ޝާމެން އެއާ އަދި ޗައިނާގެ އެންމެ ކާމިޔާބު އެއް އެއާލައިން ސިޗުއާން އެއާލައިންސް ހިމެނެ އެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަށް ހަދައިދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ޗައިނާއަށް ކުރި ދަތުރުފުޅުގައި އެދިވަޑައިގަނެފަ އެވެ.

"ޗައިނާގެ މި މަގާމު އަލުން ހޯދުމަށް އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރުމަކީ އަޅުގަނޑު އެދޭ އެދުމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮވިޑުގެ ކުރިން 2017 އަދި 2018 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކީ ޗައިނާ އެވެ. 2019 ވަނަ އަހަރު 280،000 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމާއެކު އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އަވައްޓެރި އިންޑިއާއިންނެވެ. ނަމަވެސް މިހާރު އިންޑިއާ އޮތީ މި ލިސްޓުގެ ހަ ވަނައިގަ އެވެ.

ތިން އަހަރު ވަންދެން ގައުމު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ޗައިނާއިން އެ ގައުމުގެ ބޯޑަރު ހުޅުވާލީ މިދިޔަ އަހަރުގެ ޖެނުއަރީ އަށެއްގަ އެވެ. މިދިޔަ އަހަރު ޖުމުލަ 187،118 ޗައިނާ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.