Advertisement

ޕީއެންސީގެ ޕްރައިމަރީން ބަލިވި އަނާރާގެ ކެމްޕޭނުގައި ސަރުކާރުގެ ވެރިން

5 މާރިޗު 2024 - 09:40 3

އަހުމަދު އާއިދު

އަހުމަދު އާއިދު

އަނާރާގެ ކެމްޕޭނުގައި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން : އޭނާ ވާދަކުރާ ހުރާ ދާއިރާގައި ޕީއެންސީގެ ކެންޑިޑޭޓަކުވެސް އެބަހުރި


ޕީއެންސީގެ ޕްރައިމަރީން ބަލިވި އަނާރާގެ ކެމްޕޭނުގައި ސަރުކާރުގެ ވެރިން

5 މާރިޗު 2024 - 09:40 3

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ނާކާމިޔާބު ވުމުން، ހުރާ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ އަނާރާ ނައީމުގެ ކެމްޕޭނުގައި ސަރުކާރުގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންފި އެވެ.

ޖެނުއަރީ 27، ގައި ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ވާދަކުރެއްވީ މަޖިލީހުގެ ހުރާ ދާއިރާގެ ޓިކެޓު ހޯއްދެވުމަށެވެ. ޕްރައިމަރީ ކާމިޔާބު ކުރައްވައި ޕީއެންސީގެ ޓިކެޓު ހޯއްދެވީ އަބްދުﷲ ވާރިސް އެވެ.

ނަމަވެސް، އަނާރާ އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ފޮޓޯތަކުން އޭނާގެ ކެމްޕޭނުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ރައީސް އޮފީހުގެ ވަޒީރު އަބްދުﷲ ނަސީރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒު މުހުސިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔާ ޕީއެންސީއިން ބޭއްވި ޕްރައިމަރީގެ މަގުސަދާމެދު ސުވާލު އުފައްދައިފަ އެވެ.

ހުރާ ދާއިރާގެ އިތުރުން އެހެން ބައެއް ދާއިރާތަކުގައި ވެސް ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި، ޕްރައިމަރީން ބަލިވި ކެންޑިޑޭޓަށް ނުވަތަ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަށް ސަރުކާރުން ވަނީ ތާއިދުކޮށްފަ އެވެ.

ސަރުކާރު ކެންޑިޑޭޓު އޮޅިފައިވާ ދާއިރާތަކުގެ ތެރޭގައި ހުރާ ދާއިރާ، ތިމަރަފުށި ދާއިރާ، ގއ. ވިލިނގިލި ދާއިރާ، އަދި ވެލިދޫ ދާއިރާ، މަތިވެރި ދާއިރާ، މައްޗަންގޮޅީ މެދު ދާއިރާ ހިމެނެ އެވެ. މި ހުރިހާ ދާއިރާއެއްގައި ވެސް ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކޮށްފައި ތިބި އެ ޕާޓީގެ ކެންޑިޑޭޓުން އެބަތިއްބެވެ.

ސަރުކާރުގެ ކެންޑިޑޭޓު އޮޅިފައިވާ މައްސަލައިގައި، 'އަހާ' ޕަބްލިކް ފޯރަމްގައި ވެސް މީހަކު ރައީސް މުއިއްޒުއާ ސުވާލު ކުރި އެވެ.

"ޕާޓީ ނުވަތަ ސަރުކާރަށް ނިސްބަތް ނުވާ އެހެން ކެންޑިޑޭޓަކު ރައީސްގެ ފޮޓޯ ޖައްސަވައިގެން ރައީސްގެ ފުރިހަމަ ތާއިދު އޮތް ކަމަށް މެންބަރުންނަށާއި ރައްޔިތުންނަށް އަންގަމުން ދާތީ, ތިން ރަށުގެ މީހުންގެ މިހަކާ މެދު ހިޔާލު ތަފާތުވުމާއި ނުތަނަވަސްކަމާ އެބަ އޮތް. މިކަމާ މެދު ރައީސް ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ" ޒުވާނަކު ސުވާލު ކުރި އެވެ.

ޕްރައިމަރީން ހޮވި ކެންޑިޑޭޓަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެތޯ ވެސް ސުވާލުކޮށްފަ އެވެ. ނަމަވެސް އެއީ ޕާޓީގެ އެތެރޭގެ އަދި އެ ރޭގެ މައުލޫއާ ނުގުޅޭ ސުވާލެއް ކަމަށް ބުނެ ޖަވާބު ދެއްވުމަށް ރައީސް އުޒުރުވެރިވެވަޑައިގަތެވެ.