Advertisement

އިންޓަ އަށް ލީގުގެ އެއް ވަނައިގައި 15 ޕޮޮއިންޓުގެ ލީޑެއް

5 މާރިޗު 2024 - 07:58 0

އިންޓަގެ ދެ ވަނަ ގޯލު ޖެހުމަށް ފަހު ސަންޗޭޒް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


އިންޓަ އަށް ލީގުގެ އެއް ވަނައިގައި 15 ޕޮޮއިންޓުގެ ލީޑެއް

5 މާރިޗު 2024 - 07:58 0

މިލާން (މާޗް 5) - އިޓާލިއަން ލީގުގައި ޖެނޯއާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ލީގުގެ އެއް ވަނައިގައި 15 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ދެ ވަނައިގައި އޮތް ޔުވެންޓަސް އިން މި ހަފްތާގައި ކުޅުނު މެޗުން، ނަޕޯލީ އަތުން ބަލިވުމުގެ ފައިދާ އިންޓަ އިން މި ވަނީ ރަނގަޅަށް ނަގައިފަ އެވެ. އިންޓަ އެއް ވަނައިގައި އޮތީ، 27 މެޗުން 72 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ 27 މެޗުން 57 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އިންޓަ އިން ރޭގެ މެޗުގައި ގޯލުތައް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ގޮތުން، 30 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިިދިނީ، ކްރިސްޓަން އަސްލާނީ އެވެ. އޭގެ ނުވަ މިނިޓް ފަހުން، އަލެކްސިސް ސަންޗޭޒް ވަނީ ޕެނަލްޓީ އަކުން އިންޓަގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ، ޖެނޯއާ އޭރިއާތެރެއިން އިންޓަގެ ނިކޯލޯ ބަރޭލާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އަސްލާނީ ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ސަންޗޭޒް އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ނުވަ މިނިޓް ތެރޭ، ޖެނޯއާ އިން ގޯލެއް ޖެހި އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ޖޯހާން ވަޒްކޭޒް އެވެ. އެހެން ނަމަވެސް، އިތުރު ގޯލެއް ޖަހައި، އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ސިމޯން އިންޒާގީގެ ކޯޗުކަމުގައި ކުޅޭ އިންޓަ އިން މި ވަނީ، ލީގުގައި ޖެހިޖެހިގެން ނުވަ ވަނަ މޮޅު ހޯދައިފަ އެވެ. މި ފަހަރު ލީގުގައި ކުޅުނު 27 މެޗުގެ ތެރެއިން، 23 މެޗުން އިންޓަ މޮޅުވެފައިވާއިރު، އެންމެ ފަހުން އެ ޓީމު އަތުން ޕޮއިންޓް ގެއްލިފައިވަނީ މިދިޔަ ޑިސެމްބަރު މަހު، ޖެނޯއާއާ އެއްވަރުވި މެޗުގަ އެވެ. ލީގުގައ މި ފަހަރު، އިންޓަ ބަލިވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.