Advertisement

މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ 1000 އެއްހާ ތަނުގެ ސާފުތާހިރުކަން އެޗްޕީއޭއިން ބަލައިފި

4 މާރިޗު 2024 - 21:31 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާލެ މާފަންނު ފުޑު ކޯޓު ރެސްޓޯރެންޓްތަކުގެ ސަރަހައްދު: މާލެ ސަރަހައްދުގެ ކާބޯތަކެތީގެ ހިދުމަތްދޭ 1000އެއްހާ ތަނުގެ ސާފުތާހިރުކަން އެޗްޕީއޭއިން ބަލައިފި - ފޮޓޯ: އަދަދު ފައިލް


މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ 1000 އެއްހާ ތަނުގެ ސާފުތާހިރުކަން އެޗްޕީއޭއިން ބަލައިފި

4 މާރިޗު 2024 - 21:31 1

ވެރިރަށް މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ 1000 އެއްހާ ތަނުގެ ސާފުތާހިރުކަން ހުރި މިންވަރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަލައިފި އެވެ.

އެޗްޕީއޭއިން އިސް ނަގައިގެން މި މަސައްކަތް ކުރިއަށް ގެންދިޔައީ މާލެ ސިޓީ ކައުންސިލާއި ހުޅުމާލެ، ތިލަފުށި ބަލަހައްޓާ ކުންފުނި ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 19، އިން ފެށިގެން މި މާޗު މަހުގެ 2، އާ ހަމައަށް 11 ދުވަހު ކުރި މަސައްކަތުން 993 ތަނެއްގެ ސާފުތާހިރުކަން ބެލިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 597 ތަނަކާއި ހުޅުމާލޭގެ 308 ތަނަކާއި ވިލިމާލޭގެ 19 ތަނެއްގެ އިތުރުން ހުޅުލޭ އެއާޕޯޓުގައި ހުރި 43 ތަނެކެވެ. ތިލަފުށީގެ ނުވަ ތަނަކާއި، ގުޅީފަޅުގެ ދެ ތަނަކާއި ކްރޮސްރޯޑުގެ 12 ތަނެއް ވެސް ބަލާފައިވެ އެވެ.

ބެލި ތަންތަނުގެ ތެރޭގައި 429 ކެފޭއާއި، 207 ރެސްޓޯރަންޓްއާއި، ޓޭކްއަވޭ ހިދުމަތުގެ 178 ތަނަކާއި، ހޮޓާގެ ގޮތުގައި ހިންގާ 79 ތަނަކާއި، 23 ބޭކަރީއަކާއި، ދެ މާރުކޭޓަކާއި، ގާޑިޔާ ނޫނީ ޓެންޓްގެ ގޮތުގައި ހިންގާ 33 ތަނަކާއި، 10 ބަދިގެއަކާއި، ހަ ކެންޓީނެއް ހިމެނެ އެވެ.

އިންސްޕެކްޝަންގައި ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލައި އެ ކަންތައްތައް އިސްލާހު ކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ތަފްސީލްތަކާއެކު އެ އެޖެންސީން ނެރުނު ބަޔާނުގައި ސާފުތާހިރުކަން ކުޑަ ކަމަށް ފާހަގަ ކުރެވުނު ތަންތަނުގެ އަދަދެއް ބުނެފައެއް ނުވެ އެވެ.