ދިގު ދުވުމަށް ހާއްސަ ކުޅަދާނަ ދުވުންތެރިޔާ، ޔޫސުފް އިބްރާހިމް، އަހަރެއްހާ ދުވަސް ތެރޭ މެރަތަންގެ ގައުމީ ދެ ރެކޯޑެއް މުގުރާލައި އެންމެ އުހަށް ޖެހިލައިފި އެވެ.
މި ވަގުތު ގައުމީ ހާފް މެރަތަން ރެކޯޑާއި ގައުމީ މެރަތަން ރެކޯޑް ހޯލްޑަރެއްގެ ގޮތުގައި ހުރީ ޔޫސުފް އެވެ. ޔޫސުފް، ގައުމީ ހާފް މެރަތަން ރެކޯޑް ހެދީ މީގެ އަށް މަހެއްހާ ދުވަސް ކުރިންނެވެ. އަދި ގައުމީ ފުލް މެރަތަން ރެކޯޑް މުގުރާލީ ދާދި ފަހުން، ތުރުކީގެ ރަންތަލްޔާ އިވެންޓްގަ އެވެ.
ހާފް މެރަތަން އާއި ފުލް މެރަތަންގެ ރެކޯޑް ކުރިން އޮތީ ޝިފާޒް މުހައްމަދު އަތުގަ އެވެ.
ޔޫސުފް، ފުލް މެރަތަން ރެކޯޑް ހެދީ ދެ ގަޑިއިރާއި 29:48 މިިނިޓުން ރޭސް ނިންމައިގެންނެވެ. މީގެ ފަސް އަހަރު ކުރިން، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ދުބާއީ މެރަތަންގައި، ދެ ގަޑިއިރާއި 32:56 މިނިޓުން ރޭސް ނިންމައިގެން، ޝިފާޒް ހެދި ރެކޯޑް މުގުރާލަަން ޔޫސުފް މި ވަނީ އެކަށީގެންވާ ކުރިއެރުމެއް ހޯދައިފަ އެވެ.
އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި، މިދިޔަ އަހަރުގެ މެދުތެރޭގައި ކުރިއަށްދިޔަ މެރަތަން، "އެސިކްސް ހާފްމެރަތަން" ގައި ވާދަކޮށް، ޔޫސުފް، ރާއްޖޭގެ ހާފް މެރަތަންގެ ގައުމީ ރެކޯޑް މުގުުރާލީ 1 ގަޑިއިރާ 9 މިނިޓް 58 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެންމެ ފަހުން މި ރެކޯޑް މުގުރާލާފައިވަނީ މީގެ ހަތަރު އަހަރު ކުރިން 2019 ވަނަ އަހަރު، މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި، ރާއްޖޭގެ ޝިފާޒް އެވެ. ޓައިމިން އަކީ، އެއް ގަޑިއިރާއި 10 މިނިޓް 55 ސިކުންތެވެ.
ޔޫސުފްގެ ކޯޗަކީ، ދިވެހިންގެ ތެރެއިން، އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް އޮތް ނަސްރުﷲ އަހްމަދު (ނަސްރު) އެވެ. ރަންތަލްޔާ މެރަތަންގައި ނަސްރު ވެސް ދުވުނުއިރު، މިއީ އޭނާގެ ކެރިއަރުގެ 95 ވަނަ މެރަތަން އެވެ.
Comment