Advertisement

40،000 ޕޮއިންޓް ހަމަކުރި ފުރަތަމަ ކުޅުންތެރިއަކީ ލެބްރަން ޖޭމްސް

4 މާރިޗު 2024 - 10:05 0


40،000 ޕޮއިންޓް ހަމަކުރި ފުރަތަމަ ކުޅުންތެރިއަކީ ލެބްރަން ޖޭމްސް

4 މާރިޗު 2024 - 10:05 0

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓް (މާޗް 4) - ލޮސް އެންޖެލްސް ލޭކާސް އަށް ކުޅެމުން އަންނަ ލެބްރަން ޖޭމްސް، އެންބީއޭގެ ސީޒަންތަކުގައި ވާދަކުރާ ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ 40،000 ޕޮއިންޓް ހަމަކުރި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފި އެވެ.

އުމުރުން 39 އަހަރުގެ ލެބްރަން ޖޭމްސް މި ރެކޯޑް ގާއިމްކުރީ، އެންމެ ފަހުން އެލްއޭ ލޭކާސް ކުޅުނު މެޗުގައި 26 ޕޮއިންޓް ސްކޯކޮށްގެންނެވެ. އެ މެޗުން ޑެންވާ ނަގެޓްސް އަތުން އެލްއޭ ލޭކާސް ވަނީ 124-114 އިން ބަލިވެފަ އެވެ.

"ވަކި ކަމެއް ހާސިލްކުރާ ފުރަތަމަ ކުޅުންތެރިއަކަށް މި ލީގުގައި ވުމަކީ ވަރަށް ކޫލް ކަމެއް. އެންމެނަށް ތާރީހުގައި ވެފައި ހުރި ކަންކަން ފެންނާނެ. ރެކޯޑްތައް ފަހަތުން އަންނަ ކުޅުންތެރިންނަށް ދާން ޖެހޭ ހިސާބު އެނގޭއިރު، މަތީގައި ތިބި ކުޅުންތެރިން ކުރި މަސައްކަތް ހަނދާން ކުރާނެ،" ޖޭމްސް ބުންޏެވެ.

ޖޭމްސް ބުނީ، 40،000 ޕޮއިންޓްގެ މި ރެކޯޑާ އިތުރު ކުޅުންތެރިއަކަށް ހަމަކުރެވޭނީ ކިތައް އަހަަރުން ކަމެއް އޭނާ އަށް ނުބުނެވޭނެ ކަމަށެވެ.

އެންބީއޭގެ އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔާގެ ރެކޯޑް، ޖޭމްސް އަށް ލިބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އެއީ ކަރީމް އަބްދުލް ޖައްބާރު އަތުގައި ގިނަ ދުވަސް ވަންދެން އޮތް ރެކޯޑެކެެވެ. ޖޭމްސް އެ ރެކޯޑް މުގުރާލީ، 38،387 ޕޮއިންޓް ހޯދައިގެންނެވެ.

ހަތަރު ފަހަރަށް އެންބީއޭ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނު ޖޭމްސް މިހާރު ކުޅެމުން އެ އަންނަނީ އޭނާގެ 21 ވަނަ ސީޒަނެވެ. މި ވަގުތު، އެންބީއޭގައި ހުރި އެންމެ ދުވަސްވީ ކުޅުންތެރިއަކީ ޖޭމްސް އެވެ.