Advertisement

ނަޕޯލީ އިން ފަހު ވަގުތު ޔުވެންޓަސް ބަލިކޮށްފި

4 މާރިޗު 2024 - 09:28 0


ނަޕޯލީ އިން ފަހު ވަގުތު ޔުވެންޓަސް ބަލިކޮށްފި

4 މާރިޗު 2024 - 09:28 0

ނޭޕްލްސް، އިޓަލީ (މާޗް 4) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އިން ފަހު ވަގުތު 2-1 އިން މި ފަހަރުގެ ލީގުގެ ރޭހުގައި ވާދަކުރަމުން އަންނަ ޔުވެންޓަސް ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު، ލީގުގެ އެއް ވަަނައިގައި އިންޓަ މިލާނުން އިތުރަށް ލީޑުފުޅާކުރަން މި ވަނީ ފުރުސަތު ފަހިވެފަ އެވެ. މި ވަގުތު އިންޓަ އެއް ވަނައިގައި އޮތީ 26 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް 27 މެޗުން ވަނީ 57 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ޔުވެންޓަސްގެ ޑޫސާން ވްލާހޮވިޗް ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ފަހުން، މެޗުގެ 33 ވަނަ މިނިޓްގައި އޭރިއާތެރެއިން ހުސްކޮށް އަރައި ވްލާހޮވިޗް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ނަޕޯލީގެ ލަނޑު ޖެހީ، ކްވިޗާ ކްރަވަޝްކޭލިއާ އެވެ. މިއީ އޭރިއާތެރެއިން ވޮލީ އަކުން، ކްރަަވަޝްކޭލިއާ ޖެހި ގޯލެކެވެ.

ޔުވެންޓަސް އަށް އެއްވަރުކޮށްދޭން މި ހާފުގައި ވްލާހޮވިޗަށް ލިބުުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރުންނެވެ. އެ ޓީމުން އެއްވަރުކުރީ މެޗުގެ 81 ވަަނަ މިނިޓްގައި ފެޑެރީކޯ ކިއޭސާ ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ކިއޭސާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ނަޕޯލީ މޮޅުވި ގޯލަކީ ޖިއަކޯމޯ ރަސްޕަޑޯރީ މެޗުގެ 88 ވަނަ މިނިޓްގައި ޖެހި ލަނޑެކެވެ. މިއީ ލިބުނު ޕެނަލްޓީ އަކުން ނަޕޯލީގެ ވިކްޓަ އޮސީމެން ޖެހި ބޯޅަ ޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ފައިގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސަކުން ރަސްޕަޑޯރީ ޖެހި ގޯލެކެވެ.

މި މެޗުން މޮޅުވެ، ނަޕޯލީ ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 27 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ.